ޚަބަރު

ކޯވިޑް-19: ރަށްރަށަށް ދަތުރުކުރި މީހުންގެ ޒިންމާ ކުޑައެއްނޫން!


މުޅި ދުނިގޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާއިރު މިހާތަނަށް 2.4މިލިއަން މީހުންނަށް ބަލި ވަނީ ޖެހިފައެވެ. މިއީ މުޅި ރާއްޖޭގެ އާބާދީއަށްވުރެ ތިން ހަތަރު ގުނަ އިތުރު އަދަދެކެވެ.

ޓެރެޓަރީތަަކާއި ޤައުމުތަށް ހިމެނޭހެން 210 ތަނަކަށް ވަނީ ބަލި ފެތުރުރިފައެވެ. އެންމެ 3މަސް ދުވަހުގެ ތެރޭގައި މުޅި ދުނިޔޭގެ ހުރިހާ ބިތަކަށް މި ބަލި މިވަނީ ފެތުރިފައެވެ. މިއިން ކޮންމެ ހިސާބަކަށްވެސް މި ބަލި ފެތުރުމުގެ ސަބަބަކަށްވީ ޤައުމުން ބޭރުން އައި މީހެކެވެ.

ރާއްޖޭގެ ކުޑަކުޑަ މިސާލަކަށް ބަލާލަމާ ހިނގާށެވެ. މި ބަލި ރާއްޖެއިން ފުރަތަމަ ފެނުނީ ރިސޯޓަކަށް އައި ފަތުރުވެރިއެއްގެ ގައިންނެވެ. މިއީ ރާއްޖެއިން ބޭރުން އައި މީހެކެވެ. ރާއްޖެއިން ފުރަތަމަ ފެނުނު 20 ކޭހަކީ ހަމަ މިގޮތަށް ފެނުނު ކޭސްތަކެވެ.

ނަމަވެސް މިހާރު ރާއްޖެއިން ބޭރަށް ދަތުރުކުރިކަމުގެ ހިސްޓްރީ ނެތް އެތައް ބައެއްގެ ގައިން ބަލި މިވަނީ ފެނިފައެވެ. އެލަރޓް ލެވެލް ރަތަށް ޖައްސައި، މާލެ އޭރިއާ އާއި ބައެއް އެހެން ރަށްރަށް ވަނީ ފުރަބަންދު ކުރެވިފައެވެ. އަދި އިއްޔެ ވަނީ ފުރަތަމަ ފަހަރަށް މާލެއިން ބޭރުން ބަލި ފެނިފައެވެ. ޔަގީން ވަނީ މި މީހުންގެ ހަށިގަނޑަށް ބަލި ވާސިލްވުން ގުޅެނީ ރާއްޖެއިން ބޭރުން އައި މީހަކާކަމެވެ. ލައްކައަކަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ މާލޭގައި މި ބަލި ފެތުރިގެން ހިނގައްޖެނަމަ ވާނެގޮތައް ތަޞައްވަރުކުރަން ދައްޗެވެ.

ގާތް ގާތުގައި މާލެއިން އެއްފަހަރާ އެތައް ބަޔަކަށް ކޯވިޑް19 ޖެހުނުކަން މިހާރު ވަނީ ކަށަވަރުވެފައެވެ. މިމީހުންގެ ގަޔަށް ވައިރަސް ވާސިލްވީ ކާކުގެ ކިބައިންކަން ދެނެގަތުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިޔަށެވެ. އެނގެން ނެތީ މި މަސައްކަތުގައި ހޭދަ ވާނީ ކިހާ ދުވަހެއްކަމެވެ. އަދި މިކަން ދެނެގަނެވޭއިރު ކިތަށް މީހުން ބަލީގެ ޝިކާރައަކަށްވާނެކަމެވެ.

މިވަގުތުގެ އެންމެ މުހިއްމު އިރުޝާދަކީި ގެއިިން ބޭރަށް ނުދިއުމާއި، މީހުންނާއި ދިމާވާ ދިމާވުން ވެވެން އޮތް މިންވަރަކުން އެއްކޮށް ހުއްޓާލުމެވެ.

ބަލި މުޅި ރާއްޖެއަށް ފެތުރުން ހުއްޓުވުމުގައި ދަތުރުކުރި މީހުންގެ ޒިންމާ ބޮޑު!

މިހާރުމިވަނީ ހއ. އުލިގަމުން ވެސް މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވާކަން ކަށަވަރުވެފައެވެ. އަދި އެ ސަރަޙައްދުގެ ގިނަ ރަށްތަކެއް ވަނީ މިކަމާއި ގުޅިގެން ލޮކްޑައުން ކުރެވިފައެވެ.

ސަރުކާރު ބަންދުވުމާއި ގުޅިގެން ވޭތުވެދިޔަ ދެތިން ހަފްތާވީ ބަނދަރުތަކާއި އެއަރޕޯޓްތަކަށް ބާރު ބޮޑު ދުވަސްތަކަކަށެވެ. އެތަށް ބަޔަކު ފުރަފުރައިގެން އެކި ރަށްތަކަށް ދަތުރުކުރިއެވެ. އަދި ރިސޯޓްތަކުން ފުރުމުގެ ހުއްދަަ ދިނުމާއި ގުޅިގެން ރިސޯޓްތަކުގައި މަސައްކަތްކުރާ ގިނަ މީހުންތަކެއްވެސް އެމީހުންގެ ރަށްތަކަށް އަނބުރާ ގޮސްފައިވެއެވެ. އެންމެ ގިނައިން ދަތުރުކުރީ ބަލި ފެންނަން މިހާރު ފަށާފައިވާ މާލެއިން އެހެން ރަށްތަކަށެވެ.

މާލެއިން ބަލި ފެނުނުކަން ކަށަވަރުވީ މިމަހުގެ 15ވަނަ ދުވަހުވެސް އެތަށް ބަޔަކު ރަށްރަށަށް ދަތުރުކޮށްފައިވެއެވެ.
ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ ނެރުއްވާފައިވާ އެންގުމުގައި ވިދާޅުވެފައި ވަނީ މިމަހުގެ 15 ދުވަހުން ފެށިގެން މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅީފަޅު އަދި ތިލަފުށިން ރަށްރަށަށް ދަތުރުކުރި މީހުން އެމީހަކު ހުރި ރަށެއްގައި 14ދުވަހަށް އެކަހެރިވުމަށް އަންގާކަމަށެވެ. އަދި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުންވެސްވަނީ މަނާކޮށްފައެވެ.

އަތޮޅުތަކުގެ ރަށަކުން ބަލިޖެހިފައިވާ މީހެއް ފެނުމާއިއެކު މާލެއޭ އެއްގޮތަށް އަތޮޅުތަކުގައިވެސް ކޯވިޑްގެ ބިރުވެރިކަން ވަނީ ބޮޑުވެފައެވެ. އެހެންކަމުން 15ވަނަ ދުވަހުން ފެށިގެން ނޫނަސް މީގެ ކުރު މުއްދަތެއްގެ ތެރޭގައި ރަށްރަށަށް ދަތުރުކުރި މީހުންވެސް މިގޮތަށް އެކަހެރިވުމަކީ، ރަށުގެ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށް ކުރެވޭނެ ވަރަށް މުހިންމުކަމެކެވެ. ބައެއް ރަށްތަކުގެ ޓާސްފޯސްތަކުން ދަނީ 15ވަނަ ދުވަހުގެ ކުރިން ކައިރި މުއްދަތެއްގައި ރަށަށް އައި މީހުންވެސް އެކަހެރިވުމަށް އިރުޝާދުދެމުންނެވެ.

ރާއްޖެއަކީ ކުޑަ ޤައުމެކެވެ. ވަސީލަތްތަކާއި، އިންސާނީ ވަސީލަތްވެސް މަދު ޤައުމެކެވެ. ބަލި ކޮންޓްރޯލްނުވެއްޖެނަމަ ފަރުވާ ނުދެވިދާނެކަމުގެ ބިރުވެރި އިންޒާރު ކަމާއި ބެހޭ ފަރާތްތަކުން ދަނީ ދެއްވަމުންނެވެ. އަތޮޅުތަކުގައި ބަލި ފެތުރިއްޖެނަމަ ނުރައްކާ ބޮޑުވެ ފަރުވާ ދިނުމުގައި އެތައް ގޮންޖެހުންތަކާއި ކުރިމަތިވާނެއެވެ.

އެހެންކަމުން ރަށްރަށަށް ދަތުރުކުރި މީހުން، އެހެން މީހުންނާއި ވަކިން ދިރިއުޅުމުގެ ކަންކަން ކުރިއަށްގެންދިއުމާއި، އެހީތެރިކަން ހޯދާއިރު ވީހާވެސް ގައިދުރުކޮށް ހުރުމާއި އަދި ހުމާއި ރޯގާ ނުވަތަ ނޭވާއަށް އުންދަގޫވުންފަދަ އެއްވެސް އަލާމާތެއް ފެންނަ ނަމަ އެރަށެއްގެ ކޯވިޑް ޓާސްކް ފޯހަށް އަންގައިގެން ވަގުތުން އެހީ ހޯދަންޖެހޭނެއެވެ.

މި ޙާލަތުގައި މިފަދަ އެއްވެސް އަލާމާތެއް ސިއްރުކޮށްފިނަމަ އެހުށައެޅެނީ އެތަށް ބައެއްގެ ފުރާނަ ނުރައްކަލަށެވެ.

އެހެންކަމުން ރަށްރަށަށް ދަތުރުކުރި މީހުން އެޗްޕީއޭގެ އެންގުމަށް ތަބާވެ ބޯ ލެނބުމަކީ، ތިމާ އާއި ދެން ތިބި މީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އަދާކުރަންޖެހޭ ފަރުދީ ޒިންމާއެވެ.