ވިޔަފާރި

ކުރިއަށްއޮތް 2 ދުވަހު އިސްލާމިކް ބޭންކުގެ ޙިދުމަތް ލިބޭނެ


މިފެށޭ ހަފްތާގެ 2 ދުވަހު އިސްލާމިކް ބޭންކް ހުޅުވާފައިހުންނާނެކަމަށް އެ ބޭންކުން ބުނެފިއެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނީ މިމަހުގެ 19 އަދި 20 ވަނަ ދުވަހު އެ ބޭންކުން ޙިދުމަތް ލިބޭނެކަމަށެވެ.

މި ދެދުވަހު އިސްލާމިކް ބޭންކު ހުޅުވިނަމަވެސް ލިބޭނީ ބައެއް ޙިދުމަތްތައްކަމަށް އެ ބޭންކުން ބުނެއެވެ. އެގޮތުން 50،000 އަށްވުމެ މަތީގެ އަދަދުތަކުން ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމުގެ އިތުރުން ރަމަޟާންމަހުގެ އެލަވަންސް ޖަމާކުރުމާއި މުވައްޒަފުންގެ މުސާރަ ޖަމާކުރުމުގެ އިތުރުން ފަންޑް ޓްރާންސްފަރ ގެ ޙިދުމަތް ހިމެނެއެވެ.

އާދިއްތަ އަދި ހޯމަ ދުވަހު މޯލްޑިވްސް އިސްލާމިކް ބޭންކުން ޙިދުމަތް ލިބޭނީ ހެނދުނު 08:30 އިން މެންދުރު 12:30 އަށެވެ. އިސްލާމިކް ބޭންކުން ބުނީ ފައިސާ އަދި ޗެކުގެ މުއާމަލާތްތަކަށް ޙިދުމަތްދޭނީ މެއިން ބްރާންޗްގެ ގްރައުންޑް އަދި 1 ވަނަ ފަންގިފިލާއިންކަމަށެވެ. ޓްރޭޑް ފައިނޭންސްގެ ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެޑް އޮފީހުގެ 2 ވަނަ ފަންގިފިލާއިންނެވެ.

20،000 އަށްވުރެ މަދުން ފައިސާނަގާނަމަ އެ ބޭންކުގެ އޭޓީއެމްތައް ބޭނުންކުރުމަށް އިސްލާމިކް ބޭންކުން ވަނީ އެދިފައެވެ.

އިސްލާމިކް ބޭންކުގެ ޙިދުމަތް ހޯދާ ފަރާތްތަކަށް އެ ބޭންކުން ވަނީ އެ ބޭންކުގެ އޮންލައިން ކިއު ސިސްޓަމުން ނަންބަރު ނެގުމަށްފަހު ނަންބަރު ޖެހެން ގާތްވުމުން އައުމަށް އެދިފައެވެ. އެގޮތަށް އަމަލުކުރުމަށް ނިންމާފައި ވަނީ އިޖްތިމާއީ ގައިދުރުކަން ދެމެހެއްޓުމަށްކަމުގައި އެ ބޭންކުން ބުނެއެވެ.