މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ހަތަރު ދުވަހުގެ ތެރޭގައި ސާދައަށް އަރައިފިއެވެ. މިއަދު އެކަނިވެސް މިބައްޔަށް 6 މީހުން ޕޮޒިޓިވްވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީންވަނީ ހާމަކުރައްވާފައެވެ. މިއަދުވެގެންމިދިޔައީ މިބައްޔަށް ރާއްޖެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހަށެވެ.
ކޯވިޑް-19ގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނިފައިވަނީ މިދިޔަ މާޗްމަހުގެ 7ވަނަދުވަހު ރިސޯޓަކުންނެވެ. މިއާއެކު މިމަހުގެ 15ވަނަ ދުވަހާހަމައަށް މި ނުރައްކާތެރި ވަބާއަށް ރާއްޖެއިން ޕޮޒިޓިވްވީ ޖުމްލަ 20 މީހުންނެވެ. މީގެ ތެރޭގައި އިނގިރޭސި ވިލާތާއި ފިލިޕީންސްއޮން އައިސް ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިތިބި 5 ދިވެއްސަކު ޕޮޒިޓިވެވެފައެވެ. އެހިސާބަށްވެސް ޕޮޒިޓިވްވި އެންމެނަކީވެސް ޕޮޒިޓިވްވި ސީދާ ސަބަބު ހޯދިފައިވާ މީހުންނެވެ.
ކޯވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެގެންދިޔަކަން ހާމަވީ މާލޭ ފުލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަންދިޔަ ދިވެއްސަކު މިބައްޔަށް ޕޮޒިޓިވްވި ހިސާބުންނެވެ. ރާއްޖޭގެ 21ވަނަ ކޭސްގެ ގޮތުގައި މާލެ ތެރެއިން ފުރަތަމަ ޕޮޒިޓިވްވި މީހާއާއި ސީދާ ޑައިރެކްޓް ކޮންޓެކްޓްވި ބަލިޖެހިފައިވާ މީހަކު ދެނެގަނެވިފައިނުވުމާއި އޭނާއަކީ ފަހުގެ ތާރީޚެއްގައި ރާއްޖެއިން ބޭރަށް ގޮސްފައިވާ މީހަކަށްނުވުމުން މިބަލީ މުޖުތަމަޢުގައި ފެތުރެންފެށުނީކަމަށް ބެލެވޭކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ ހާމަކުރައްވާފައެވެ. އެއާއެކު ކޮންޓެކްޓްޓްރޭސްކުރުމުގެ ތެރެއިން އޭނާޔާއި ސީދާ ދިމާވިމީހުން ދެނެގަނެ ހައިރިސްކުމީހުންނާއި އަލާމާތްތައް ފެނުނު މީހުންގެ ސާމްޕަލްނަގައިހެދި ޓެސްޓުތަކުން ދިޔައީ އިތުރުމީހުން ޕޮޒިޓިވްވަމުންނެވެ.
އެގޮތުން 15 ވަނަ ދުވަހު މާލެއިން ޕޮޒިޓިވްވި ފުރަތަމަ މީހާއާއެކު އޭނާގެ 2 އަހަރުގެ ދަރިފުޅުހިމެނޭހެން ދެދުވަސްތެރޭގައި 3 މީހުން މިބައްޔަށް ޕޮޒިޓިވްވިއެވެ. ދަންވަރުގެ ވަގުތު ހިމެނޭހެން އިއްޔެ މާލެއިން 5 މީހުން ޕޮޒިޓިވްވިއެވެ. އަދި ރޭގެ ދަންވަރު 12:00 އިން ފެށިގެން މިއަދު އިރު އޮއްސުމާހަމައަށް މާލެއިން މިބައްޔަށް 6 މީހުން ޕޮޒިޓިވްވިއެވެ.
މާލެއިން ޕޮޒިޓިވްވި 14 މީހުންނަށް މިބަލި ޖެހިފައިވާ ގޮތަށް ބަލާއިރު، ފުރަތަމަ ޕޮޒިޓިވްވި 21 ވަނަ ކޭހާއި ސީދާ ދިމާވި ކޭސް 22 އާއި 23 ، ޕޮޒިޓިވްވެފައިވާއިރު، ތޭވީސްވަނަ ކޭސް ނުވަތަ މާލެއިން ޕޮޒިޓިވްވި 3 ވަނަ މީހާއާ ސީދާ ދިމާވި 3 މީހަކުވަނީ ބައްޔަށް ޕޮޒިޓިވެވެފައެވެ. މާލެއިން ޕޮޒިޓިވްވި 27 ވަނަ ކޭހާއި 28ވަނަ ކޭހަށް ބަލިޖެހުނު ސީދާގޮތް ދެނެގަނެވިފައިނުވި ނަމަވެސް ހަތާވީސްވަނަ ކޭހާއި ޑައިރެކްޓް ކޮންޓެކްޓިވި 3 މީހަކު މިހާރުވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެތެރެގާއި ހިމެނެނީ ކޭސް 29، 30، އަދި އެންމެފަހުން ޕޮޒިޓިވްވި ކޭސް 34އެވެ. އަދި 28ވަނަ ކޭސްއާ ޑައިރެކްޓް ކޮންޓެކްޓްވެފައިވަނީ 12ވަނައަށް މާލެއިން ޕޮޒިޓިވްވި 32 ކޭހާއި 13ވަނައަށް މާލެއިން ޕޮޒިޓިވްވި 33ވަނަ ކޭހެވެ. މީގެ ތެރެއިން 10 ވަނައަށް މާލެއިން ޕޮޒިޓިވްި 30 ވަނަ ކޭހާއި ޑައިރެކްޓް ކޮންޓެކްޓްވެގެން މާލެއިން ފުރަތަމަ ފަހަރަށް ބަންގްލަދޭޝްމީހަކު މިހާރުވަނީ ޕޮޒިޓިވްވެފައެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށާއި، މުޖުތަމައުގައި ބަލި ފެތުން ކޮންޓްރޯކުރުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ ހަރުކަށި ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މާލެ ސިޓީ ހިމެނޭ ސަރަހައްދު ފުރަބަންދުކޮށް، އަތޮޅުތަކުގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރުކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.