 
										
			ޙުކުމް ތަންފިޒުކުރަމުންދިޔަ 100އަށްވުރެ ގިނަ ޤައިދީއަކު ޖަލުން މިނިވަންކޮށްފިއެވެ. 
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިންވަނީ މިކަން ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ. މިކަމާގުޅޭ އިތުރު ތަފްސީލް ހޯމްމިނިސްޓްރީން ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއެވެ. 
މިކަމާގުޅޭ ގޮތުން ހޯމް މިނިސްޓްރީން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ މިދަނޑިވަޅުގައި ޖަލުތަކުގައި ބަންދުކޮށްފައި ތިބި ޤައިދީންނާއި ބަންދުމީހުންނާއި ދިވެހިރާއްޖޭގެ ޖަލުތައް ބެލެހެއްޓުމާއި ޤައިދީންނާއި ބަންދުމީހުންނާ ގުޅުންހުރި ކަންކަމުގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުންގެ ސިއްޙީ ރައްކާތެރިކަމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ޖަލުތަކުގައި ޙުކުމް ތަންފީޒުކުރަމުންދާ ސަތޭކަ ފަސް މީހަކަށް ރައީސުލްޖުމްހޫރިއްޔާ ލުއިކޮށްދެއްވައިފައިވާކަމަށެވެ. 
މާޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ރައީސްލާޖުމްހޫރިއްޔާއަށްލިބިވަޑައިގެންފައިވާ ބާރުގެ ދަށުން މި މީހުންގެ އަދަބު ލުއިކޮށްދެއްވުމުގައި ރިޢާޔަތްކުރައްވާފައިވަނީ އެ ޤާނޫނުގައި ބަޔާންވެގެންވާ ހަމަތަކާއި ހުކުމް ތަންފީޒު ކުރަމުންދާ މީހުން ރިހިބިލިޓޭޓްކޮށް އަލުން އަނބުރާ މުޖުތަމަޢަށް ނެރުމަށް މޯލްޑިވްސް ކަރެކް ޝަނަލް ސަރވިސްގެ ފަރާތުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވެ އެޕްރޮގްރާމް ތަކުން ނެރެފައިވާ ނަތީޖާއަށް ބަލެމަށް ފަހުގައިކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. 
އަދި ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ މިހާލަތުގައި، އަދަބު ލުއިކޮށްދެވުނު މީހުން ދިރިއުޅެން ހުރިތަންތަނުގެ ޙާލަތަށާއި، އެމީހުންގެ ފަރާތުން މުޖުތަމަޢަށް ނުރައްކާ އޮތް މިންވަރަށާއި އަދި އެފަރާތްތަކުން ކޮށްފައިވާ ކުށުގެ ބާވަތަށާއި ވަށައިގެންވާ އެހެން ކަންކަމަށް ބަލާފައިވާނެކަމަށްވެސް އރެބަޔާނުގައިވެއެވެ. 
ޤައިދީންނާއި ބަންދުމީހުން ހިމެނޭހެން، ޖަލުތަކާ ގުޅުންހުރި އެންމެހާ ފަރާތްތަކުގެ ޞިއްޙީ
ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޖަލުތަކުގެ އާބާދީ މަދުކޮށް ތޮއްޖެހުން ކުޑަކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް ފަންނީ މާހިރުން އަންނަނީ ލަފާދެމުންކަން މިބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.