އެބޯލާފަދަ ބަލިތަކަށް ފަރުވާދިނުމަށް ބޭނުންކުރާ ބޭހެއްކަމަށްވާ ރެމްޑެސިވިއަ ކޯވިޑް-19އަށް ފަރުވާދިނުމަށް ބޭނުންކުރުމަށް އެމެރިކާގެ ސައިންސުވެރިން ކުރަމުންދާ ތަހުލީލުތަކުން އުއްމީދީ ނަތީޖާތަކެއް ދައްކައިފިއެވެ. ރެމްޑެސިވިއައަކީ ހަށިގަނޑުގައި ހުންނަ ބަލިޖައްސާ ވައިރަހަށް ބަދަލުގެނެސް ވައިރަސް މުޅިން ނައްތާލުމަށް އުފައްދާފައިވާ ބޭހެކެވެ.
ތަހުލީލުތައް ކުރާ އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުގެ ސައިންސުވެރިން ބުނީ ރާމާމަކުނުތަކަށް ކޯވިޑް-19 ޖައްސާ، އެޖަނަވާރުތަކަށް ރެމްޑެސިވިއަ ބޭނުންކޮށްގެން ފަރުވާދީ ތަހުލީލުކުރަމުންދާކަމަށެވެ. ޖަނަވާރު ބޭނުންކޮށްގެން ތަހުލީލުތައްކުރަނީ ބަލިމަޑުކަމުގެ އަސަރުކޮށްގެން ހަސްފަތާލުގައި އެނދުމަތިކޮށްފައިވާ ބަލިމީހުން ބޭނުންކޮށްގެން ކުރާ ތަހުލީލުތަކާ އެއްގޮތަށެވެ.
އެތަހުލީލުތަކުގެ ނަތީޖާއިން ދައްކާގޮތުގައި ކޯވިޑް-19އަށް ފަރުވާދިނުމަށް ރާމާމަކުނުތަކަށް ރެމްޑެސިވިއަ ދިނުމުން ބަލީގެ ޢަލާމާތްތައް ވަރަށް ބޮޑަށް ރަނގަޅުވެ، ކޯވިޑް-19 ޖައްސާ ކޮރޯނާވައިރަހުގެ ސަބަބުން ރާމާމަކުނުތަކުގެ ފުއްޕާމެޔަށް ލިބޭ ގެއްލުން ކުޑަވެއެވެ. އެތަހުލީލުތަކަކީ ސައިންސުވެރިން ކުރަމުންދާ ދިރާސާގެ ފުރަތަމަ މަރުޙަލާއެވެ. އެދިރާސާގެ ހޯދުންތަކާއި ނަތީޖާތައް އެހެން ސައިންސުވެރިންނާއި ތަޖުރިބާކާރުން އިތުރަށް ބަލާ ފާސްކުރާނެއެވެ.
ގިލީޑް ސައިންސަސް ކިޔާ ކުންފުންޏަކުން ތައްޔާރުކޮށްފައިވާ ރެމްޑެސިވިއަ ތަހުލީލުކުރުމަށް އެންމެ ފުރަތަމަ 12 ރާމާމަކުނުގެ ހަށިގަނޑަށް ކޯވިޑް-19 ޖެއްސިއެވެ. އެއަށްފަހު ރާމާމަކުނުތައް ދެބަޔަށް ބަހާލުމަށްފަހު އެއްބަޔަށް ރެމްޑެސިވިއަ ދިނެވެ. ބާކީ ތިބި ރާމާމަކުނުތަކަށް ބޭހެއް ނުދެއެވެ. އެއަށްފަހު ފަރުވާދީފައިވާ ރާމާމަކުނުތަކާއި ފަރުވާނުދޭ ރާމާމަކުނުތަކުގައި ބަލި ފެތުރެމުންދާގޮތް ތަހުލީލުކޮށް އަޅާކިޔެވެ. އަލަށް އުފައްދާ ބޭސް ބާޒާރަށް ނެރުމުގެ ކުރިން ރާމާމަކުނުފަދަ ޖަނަވާރު ބޭނުންކޮށްގެން ތަހުލީލުތައްކުރުމަކީ ޢާންމުކަމެކެވެ.
ހަށިގަނޑަށް ބަލިމަޑުކަން ތަޢާރަފްކުރިތާ 12 ގަޑިއިރުގެ ތެރޭގައި ފުރަތަމަ ބަޔަށް އައިވީ މެދުވެރިކޮށް ބޭސް ދިނެވެ. ފުރަަތަމަ ފަހަރަށް ބޭސްދިނީ ރާމާމަކުނުތަކުގެ ފުއްޕާމެއަށް ކޮރޯނާވައިރަހުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ވަގުތާ ދިމާކޮށްފައެވެ. އެއަށްފަހު 6 ދުވަސް ވަންދެން ކޮންމެ ދުވަހަކުވެސް ޤަވާއިދުން ބޭސް ދެމުން ދިޔައެވެ.
ބޭސްދިންތާ ފުރަތަމަ 12 ގަޑިއިރުގެ ތެރޭގައި ބަލި ރާމާމަކުނުތަކުގެ ކިބައިން ފެންނަމުންދިޔަ ޢަލާމާތްތައް ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. އަދި އެއަށްފަހު ހަމަ އެހަފުތާގެ ތެރޭގައި ރާމާމަކުނުތަކުގެ ޙާލު އިތުރަށް ރަނގަޅުވިއެވެ. ތަހުލީލު ނިންމާލިއިރު ފަރުވާދިން 6 ރާމާމަކުނުގެ ތެރެއިން ނޭވާލުމުގެ އުނދަގޫތަކެއް ކޮންމެވެސް މިންވަރަކަށް ހުރީ އެންމެ ރާމާމަކުނެއްގައެވެ. ނަމަވެސް ފަރުވާނުދޭ 6 ރާމާމަކުނަށް ނޭވާލުމުގެ އުނދަގޫތަކެއްވަނީ ކުރިމަތިވެފައެވެ. ފަރުވާދިން ރާމާމަކުނުތަކުގެ ފުއްޕާމޭގައި ވައިރަހުގެ އަސަރު ހުރި މިންވަރު އަދި ފުއްޕާމެޔަށް ގެއްލުން ލިބިފައިހުރި މިންވަރުވެސް ފަރުވާނުދޭ ރާމާމަކުނުތަކަށްވުރެ ކުޑައެވެ.
ރެމްޑެސިވިއައަކީ ކޮރޯނާވައިރަހަށް ފަރުވާ ދިނުމުގެ ޤާބިލުކަން ހުރިކަމަށް މިހާތަނަށް ބެލެވިފައިވާ ފުރަތަމަ ބޭހެވެ. ބަލިޖެހިފައިވާ އިންސާނުން ބޭނުންކޮށްގެންދަނީ އިތުރަށް އެބޭސް ތަހުލީލުކުރަމުންނެވެ. ސައިންސުވެރިންވަނީ އިންސާނުން ބޭނުންކޮށްގެން ކުރަމުންދާ ތަހުލީލުތަކުގައިވެސް އެދެވޭ ނަތީޖާއެއް ފެނިފައިވާކަމަށް ބުނެފައެވެ.