ވިޔަފާރި

ކޮވިޑް-19 : ރާއްޖޭގައި ތިިބި އޮސްޓްރޭލިއާ ރައްޔިތުން ޤައުމަށް ގެންދަނީ


ރާއްޖޭގައި ތިބި އޮސްޓްރޭލިއާ ރައްޔިތުން އަނބުރާ ޤައުމަށް ދިއުމަށް މިމަހުގެ 21 ވަނަ ދުވަހު ޤަތަރު އެއަރވޭސް މެދުވެރިކޮށް ހާއްސަ ފްލައިޓެއް ބާއްވަން ނިންމައިފިއެވެ.

އޮސްޓްރޭލިއާއިން ސްރީލަންކާ އާއި ރާއްޖެއަށް ކަޑައަޅާފައި ހުންނަވާ ސަފީރު ބްރައިސް ހަޗަސަން ކުރައްވާފައި ޓުވީޓެއްގައި ވަނީ މިމަހުގެ 21 ވަނަ ދުވަހު ރާޢްޖޭގައި ތިބި އޮސްޓްރޭލިއާ ރައްޔިތުން ޤައުމަށް ގެންދިއުމަށް ޤަތަރު އެއަރވޭސްގެ ފްލައިޓެއް ބާއްވާނެކަން ވަނީ ހާމަ ކުރައްވާފައެވެ.

މިފްލައިޓް ގައި ދަތުރުކުރުމަށް ޓިކެޓު ނަގާފައިވާ ފަރާތްތަކުން ފުރަންޖެހޭ ދުވަހު އެއަރޕޯޓަށް ދަތުރުކުރުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ހުއްދަ ނަގަންޖެހޭނެކަމަށް ހަޗަސަން ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ. އަދި މިކަމުގައި އެއްވެސް މައުލޫމާތެއް ނުވަތަ އެހީތެރިކަމެއް ބޭނުންނަމަ ސްރީލަންކާގައި ހުންނަ އޮސްޓްރޭލިއާގެ އެންބަސީ މެދުވެރިކޮށް ނުވަތަ އެންބަސީގެ މީސްމީޑިއާ އެކައުންޓަށް މެދުވެރިކޮށް މައުލޫމާތު ހޯއްދެވުމަށް ވަނީ އެދިވަދައިގެންފައެވެ.

މިގޮތުން މިދަތުރަށް ހާޢްސަކޮށް ގަތަރު އެއަރވޭސްއިން ހަމަޖައްސާފައިވާ ފްލައިޓް QR675 ފްލައިޓްގެ ޓިކެޓްގެ ކޮޕީ [email protected] އަށް ފޮނުވުމަށް ސްރީލަންކާއާއި ރާއްޖެއަށް އޮސްޓްރޭލިއާއިން ކަޑައަޅުއްވާފައި ހުންނަ ސަފީރު ގެ ޓުއިޓުގައި އެދިފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރާފައި ވާތީ، އަމިއްލަ ޤައުމަށް ނުދެވި ތިބި 200 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖޭގައި ތިބިކަމަށް ޓުއަރިޒަމް މިނިސްޓަރީއިން ކުރިން ވަނީ ހާމަކޮށްފައެވެ. އަދި މިދަނޑިވަޅުގައި ޤައުމުތަކުގެ ބޯޑަރު ބަންދުކޮށް، ސިޓީތަކާއި ޕްރޮވިންސްތަށް ފުރަބަންދު ކޮށްފައިވާތީ އަމިއްލަ ޤައުމުތަކަށް ދާން ބޭނުންނުވުމާއި ގުޅިގެން 800 އެއްހާ ފަތުރުވެރިން ރާއްޖޭގެ އެކި ރިސޯޓުގައިތަކުގައި ތިބިކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.