ވިޔަފާރި

ކޯވިޑް-19 : ލޯކަލް މާރުކޭޓުގައި ހުރި ތަރުކާރީއާއި މޭވާ މާލެތެރޭ ފިހާރަތަކަށް


މާލޭގެ ލޯކަލް މާރުކޭޓުގައި ހުރި ތަރުކާރީ އާއި މޭވާގެ ބާވަތްތައް އެތަނުން ނެރެ ހުސްކުރުމުގެ މަސައްކަތް މާރުކޭޓު ގޮޅިތަކުގެ ވެރިންނާއެކު މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލެ ސިޓީ ފުރަބަންދަށް ދިޔުމާއެކު ލޯކަލް މާރުކޭޓުވެސް ވަނީ ބަންދުކޮށްފައެވެ. ލޯކަލް މާރުކޭޓަކީ ގިނަ ޢަދަދެއްގެ ތަރުކާރީއާއި މޭވާ ވިއްކާ ތަނަކަށްވާއިރު މިއީ އަވަހަށް ހަލާކުވާ ޒާތުގެ ތަކެއްޗެވެ. މާލެ ސިޓީ ކައުންސިލުން ވިދާޅުވީ ލޯކަލް މާރުކޭޓުގައިހުރި ތަރުކާރީއާއި މޭވާގެ ބާވަތްތައް މާލެ ތެރޭގެ ކުދި ފިހާރަތަކަށް ވިއްކާލުމަށްޓަކައި އެކަމާގުޅޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށެވެ.

ކޮންމެ ދުވަހަކުވެސް އަތޮޅުތަކުން ގިނަ ޢަދަދެއްގެ ތަރުކާރީއާއި މޭވާ މާލެ ގެނެސް މާލޭގެ ލޯކަލް މާރުކޭޓުގައި ވިއްކައެވެ. ތަކެތި ސަޕްލައިކުރާ ފަރާތްތަކާއި މާލޭގެ ފިހާރަތަކުން އެތަކެތި ގަންނަން ބޭނުންވާ މީހުންނާ ގުޅުވާލުލުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން އަންނަނީ ކުރައްވަމުންނެވެ. މާލެ ތެރޭގައި އެކި ސަރަޙައްދުތަކުގައިހުރި ކުދިކުދި މާރުކޭޓުތައް ހުސްކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މިތަންތަނުން ޢާއްމުގޮތެއްގައި ލިބެން ހުންނަނީ ރާއްޖެއިން ބޭރުން އެތެރެކުރާ ތަރުކާރީއާއި މޭވާގެ ބާވަތްތަކަށް ވުމުން އޮންލައިންކޮށް މިތަކެތި ވިއްކުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.