ޚަބަރު

އެހީތެރިކަން ފޯރުކޮށްދިނުމަށް ތައިލެންޑުގެ މަހުޖަނުންގެ ކިބައިން އެޤައުމުގެ ބޮޑުވަޒީރު އެދިވަޑައިގެންފި


ކޯވިޑް-19ގެ ސަބަބުން ތައިލެންޑުގެ އިޤްތިޞާދަށް ކުރިމަތިވަމުންދާ ހީނަރުކަން ކުޑަކުރުމަށް އެހީތެރިކަންފޯރުކޯށްދިނުމަށް އެޤައުމުގެ އެންމެ މުއްސަނދި 20 މަހުޖަނުންގެ ކިބައިން އެޤައުމުގެ ބޮޑުވަޒީރު ޕްރަޔުތު ޗަނޮޗާ އެދިވަޑައިގަންނަވައިފިއެވެ.

ތައިލެންޑުގައި ކޯވިޑް-19 ޖެހިފައިވާ 2،700 މީހުން މިހާތަނަށްވަނީ ފެނިފައެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދުވަނީ 47ށް އިތުރުވެފައެވެ. ބަލިމަޑުކަމުގެ ސަބަބުން އެޤައުމުގެ ވިޔަފާރިއާއި ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ ޖޮންޖެހުންތަކުގެ ސަބަބުން ތައިލެންޑުގެ އިޤްތިޞާދަށްދަނީ ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންނެވެ. ތައިލެންޑުގެ ވިޔަފާރިއާބެހޭ ވުޒާރާއިންވަނީ ކުރިއަށްއޮތް ދެތިންމަހުގެ ތެރޭގައި ކޯވިޑް-19 ފެތުރޭ މިންވަރު ދަށްނުކުރެވިއްޖެނަމަ 10 މިލިއަނަށްވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލޭނެކަމުގެ އިންޒާރުދީފައެވެ.

ޓީވީ މެދުވެރިކޮށް ބޮޑުވަޒީރު ޗަނޮޗާ ދެއްވި ޙިޠާބެއްގައި އެހީތެރިކަމަށް އެދިލެއްވިނަމަވެސް ބޭނުންވެލައްވާ އެހީތެރިކަމުގެ ތަފުޞީލެއް ނުދެއްވައެވެ. ނަމަވެސް ކުރިއަށްއޮތް ހަފުތާގެ ތެރޭގައި ސިޓީއެއް މެދުވެރިކޮށް މަހުޖަނުންގެ އެހީތެރިކަމަށް ރަސްމީކޮށް އެދިލައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގައި މުއްސަނދިންނާއި ފަޤީރުންގެ ދެމެދު އޮންނަ ފަރަޤު އެންމެ ބޮޑު އެއްޤައުމުކަމުގައިވާ ތައިލެންޑުގެ އެންމެ ބޮޑެތި ވިޔާފަރިތަކަކީ އެޤައުމުގެ އެންމެ މުއްސަނދި ޢާއިލާތަކުގެ ބާރުގެ ދަށުގައި އޮންނަ ވިޔަފާރިތަކެކެވެ. އެކަމަށް އިޝާރާތްކުރައްވާ ބޮޑުވަޒީިރު ޗަނޮޗާ ވިދާޅުވީ އެމީހުންގެ ނުފޫޒު ޤައުމުގެ އިޤްތިޞާދުގައި ބޮޑު ދަޢުރެއް ޢަދާކުރާކަމަށެވެ. އަދި އެއީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ މީހުންކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިހާރު ކުރިމަތިވެފައިވާ ދަތި ޙާލަތުގައި ޤައުމަށް އެހީތެރިވުމުގައި އިސްނަގާ، ސަރުކާރާ އެއްކޮށް މަސައްކަތްކުރުމަށް އޭނާ ގޮވާލެއްވިއެވެ.

ޤައުމުގެ އެންމެ މުއްސަނދިންގެ ނަންތައް ބޮޑުވަޒީރު ޗަނަޗޯ ހާމަކުރައްވާފައެއް ނުވެއެވެ. އެޤައުމުގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ރަަސްގެފާނު މަހާ ވަޖިރަލޮންކޮނާއި ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތްރާއާއި ރެޑްބުލް ކުންފުނީގެ އެއް ޙިއްޞާދާރު ހިމެނެއެވެ.