ޚަބަރު

ކޯވިޑް-19 : ރަށްތަކަށާއި، ރިސޯތްތަކަށް ބޭނުންވާ ފެނާއި، ކާބޯތަކެތި މާލޭ ނޯތްހާބަރުން ލިބޭނެ


ރަށްތަކަށާއި، ރިސޯތްތަކަށް ބޭނުންވާ ފެނާއި، ކާބޯތަކެތީގެ ވަސީލަތްތައް މާލޭ ނޯތްހާބަރުން ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ބަޔާނެއްގައި ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން މާލޭގައި ބަލި ފެތުރިފައިވާތީ މާލެ ސިޓީ ހިމެނޭ ސަރަހައްދު ފުރަބަންދުކޮށްފައިވާކަމަށެވެ. މިހާލަތުގައި އެއްވެސް ރަށަކުން އަދި ރިސޯޓަކުން ފެނާއި، ކަބޯތަކެތީގެ ޙިދުމަތް ހޯދުމަށް އަންނަ އުޅަދު ފަހަރުތަކުގައި އުޅަދުތަކުގެ ފަޅުވެރިން ފިޔަވައި އެއްވެސް ބަޔަކު ނައުމަށް ފުލުހުން ވަނީ އަންގާފައެވެ.

މާލެ އިން ކޯވިޑް ފެނި ބަލި ފެތުރެމުންދާއިރު މިބަލި ފެތުރުން ކޮންޓްރޯކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެ، ވިލިމާލެ، ހުޅުމާލެ ފިޔަވައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމަށް ވަނީ މިމަހުގެ 17 ވަނަ ދުވަހު އަމުރުކުރައްވާފައެވެ. މިޙާލަތުގައި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރުމަށްވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ކުރައްވާފައިވާ އަމުރުގައި އަންގަވާފައިވެއެވެ.

އަދި ކޯވިޑް-19އިން ރައްކައުތެރިވުމަށް، ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހައި ވަގުތެއްގައިވެސް ޢަމަލުކުރުމާއި، ޒަރޫރީ ބޭނުންތަކަށް ތަންތަނަށް ގޮސް އުޅުމުގައިވެސް ގައިދުރުކަން ބެހެއްޓުމަށާއި ވޭތުވެދިޔަ ތަނުގައި، މާލެއިންނާއި، ރިސޯޓުތަކުންނާއި، ސަފާރީތަކުން ރަށްރަށަށް ދަތުރު ކޮށްފައިވާ މީހުން ކޯވިޑް-19 އަށް ޝައްކުވާ އަލާމަތެއް ފެނިއްޖެނަމަ، ލަސްނުކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އެންގުމަށްވެސް ވަނީ އަންގަވާފައެވެ.