ވިޔަފާރި

ކޮވިޑް-19 : ވެސްޓަން ޔޫނިއަން މެދުވެރިކޮށް ސްރީ ލަންކާގައި އުޅޭ މީހުންނަށް ފޮނުވާ ފައިސާ ޑެލިވަރކޮށްދެނީ


ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާ މެދުވެރިކޮށް ސްރީ ލަންކާގައި އުޅޭ މީހުންނަށް ފޮނުވާ ފައިސާ ސީދާ ގެއަށް ޑެލިވަރކޮށްދިނުމުގެ ޚިދުމަތް ފަށައިފިއެވެ.

މިޚިދުމަތް ތައާރަފްކޮށްފައިވަނީ ވެސްޓަން ޔޫނިއަންގެ ޚިދުމަތް ސްރީލަންކާގައި ދޭ އެޖެންޓެއް ކަމަށްވާ އެމްއެމްބީއެލް މަނީ މާސްޓަރ އާއި ގުޅިގެނެވެ. މިއީ ސްރީ ލަންކާގައި ކާފިއު އިއުލާންކޮށްފައިވާތީ އާންމުން ގޭގައި ތިބުމަށް ބާރު އެޅުމުގެ ގޮތުން ތައާރަފްކުރި ޚިދުމަތެއްކަމަށް ވެސްޓަން ޔޫނިއަން އާއި އެމްއެމްބީއެލް މަނީ މާސްޓަރއިން ބުނެއެވެ.

ވެސްޓަން ޔޫނިއަން މެދުވެރިކޮށް ފައިސާ ލިބޭ ފަރާތްތަކަށް ހެނދުނު 8:00 އިން ހަވީރު 5:00 އާ ހަމައަށް ފައިސާ ޑެލިވާރީ ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިކަމާބެހޭ ގޮތުން ވެސްޓަން ޔޫނިއަންގެ ގްލޯބަލް ނެޓްވޯކްގެ ރައީސް ޖީން ކްލައުޑް ފަރަހް ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި މިޚިދުމަތުގެ މުހިންމުކަން ދެނެގަނެ، އެމްއެމްބީއެލް މަނީ މާސްޓަރ އާއި އެކު މިހިދުމަތް ލަންކާގައި ތައަރަފްކުރެވުނީތީ އުފާކުރާކަމަށެވެ.

މިކަމާބެހޭ ގޮތުން އެމްއެމްބީއެލް މަނީ މާސްޓަރގެ މެނޭޖިން ޑިރެކްޓަރ ދިނޭޝް މެންދިސް ވިދާޅުވީ މިކަން ކުރަނީ ފައިސާ ނުލިބިގެން ކަސްޓަމަރުންނަށް އެހެން ހިދުމަތް ހޯދުމުގައި ދަތިތަކާ ކުރިމަތި ވާނެތީ، އެހެން ވިޔަ ނުދިނުމަށްކަމަށެވެ. މި ހިދުމަތް ހޯދުމަށް ފައިސާ ލިބޭ ފަރާތުން އެމީހަކާ އެންމެ ކައިރި އެމްއެމްބީއެލް މަނީ މާސްޓަރ ބްރާންޗަށް ގުޅައި މައުލޫމާތު ހިއްސާކުރުމުން މަނީ މާސްޓަރގެ ފަރާތުން ފޯނަށް ޖަވާބުދޭ އެޖެންޓު “ޓު ރިސީވް މަނީ” ސްލިޕް ފުރިހަމަ ކޮށްދޭނެއެވެ. ފައިސާ ޑެލިވާ ކުރާއިރު ފައިސާ ލިބިގަންނަ މީހާގެ އައިޑީއެއް ދަށްކަން ޖެހޭނެއެވެ.