ވިޔަފާރި

އެސްޓީއޯއިން ފިހާރަތަކަށާއި ދޯނިތަކަށް ކާޑުގެ ބާވަތްތައް ޑެލިވަރކޮށްދޭން ފަށައިފި


ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އެސްޓީއޯއިން ވިޔަފާރިތަކަށް ހަނޑޫ، ހަކުރު ފުށް ޑެލިވާކޮށްދޭން ފަށައިފިއެވެ.

އެސްޓީއޯއިން ވިދާޅުވީ ހަނޑޫ ހަކުރު ފުށް މަލޭގެ ސުޕަމާކެޓްތަކާއި، ކަންމަތީ ފިހާރަތަކުގެ އިތުރުން، ރަށްރަށަށް ގެންދިއުމަށް މުދާ ބަރުކުރަމުންދާ އޮޑިދޯނިފަހަރާއި ހަމައަށް ގެންދިއުމުގެ މަސައްކަތް ކުރައްމުންދާކަމަށެވެ. އަދި މިބަލިމަޑުކަމުގެ ދަނޑިވަޅުގައި އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުންކަމަށްވެސް އެސްޓީއޯއިން ވިދާޅުވެއެވެ.

އެސްޓީއޯއިން ދަނީ ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކޮށްދެމުންނެވެ. އަދި ވިޔަފާރިތަކަށާއި އާންމުންނަށް އެސްޓީއޯގެ ފިހާރަތަކުން ގަންނަ ބެނުންވާތަކެތި އެސްޓީއޯގެ އޮންލައިން ޕޯޓަލް އީސްޓޯ މެދުވެރިކޮށް ގަނެވޭނެ އިންތިޒާމްވެސް ހަމަޖައްސަމުންވެއެވެ.

މީގެއިތުރުން އެސްޓީއޯގެ ދަށުން ހިންގާ މިފްކޯއިންވެސް މަހުގެ ބާވަތްތަކުގެ ޑެލިވަރީ ދަނީ އާންމުންނާއި ފިހާރަތަކަށް ފޯރުކޮށްދެމުންނެވެ. މިފްކޯއިން މަހުގެ ބާވަތްތަށް ޑެލިވާކޮށްދެނީ ކޮންމެ ދުވަހަކު ހެދުނު 9 އަކުން ހަވީރު 6 ޖަހަންދެނެވެ.

އެސްޓީއޯއިން އާންމުންނާއި ވިޔަފާރިތަކުން ގަންނަ ތަކެތި ފޮރުކޮށްދިނުމުގައި ފުލުހުންނާއި ސިފައިން ދަނީ ޙަރަކާތްތެރިވަމުންނެވެ. މިދަނޑިވަޅުގައި އެތަށް ހާސް އޯޑަރުތަކެއް ލިބެމުންދާތީ ތަކެތި ފޯރުކޮށްދިނުމުގައި ލަސްވުން އެކަށީގެންވާތީ އާންމުން އެކަމަށް ކެތްތެރިވެ އެއްބާރުލުން ދެއްވުމަށް އެސްޓީއޯއިން ވަނީ އެދިފައެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދިނުމަށް އެސްޓީއޯގެ މުވައްޒަފުންނާއި ސިފައިނާއި ފުލުހުންނާއި އަދިވެސް އެކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މިކަމަކީ މުޅިން އައު ތަޖުރިބާއެއްކަމުން ޚިދުމަތްދިނުމުގައި ދިމާވާ ދަތިތައް ބަލައި ވީ އެންމެ އަވަހަކަށް އެކަންކަން ހައްލުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަން އަމްރު ވަނީ ފާހަގަކުރައްވާފައެވެ.