ޚަބަރު

ކޯވިޑް-19 : ނުރައްކާތެރި ދަނޑިވަޅުގައިވެސް ސިފައިން ރައްޔިތުންގެ ޚިދުމަތުގައި


ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ހިތްދަތި އުދަގޫ ދަނޑިވަޅުގައިވެސް ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ސިފައިން ނިކުމެއްޖެއެވެ.

ސަލާމަތީ ބާރުތަކުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ނިކުމެފައިވަނީ މާލެ ސަރަޙައްދުގައި މިވަގުތު އޮތް ފުރަބަންދުގެ ޙާލަތުގައި ޑެލިވަރީގެ ދުމަތް ދިނުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށެވެ. ރައްޔިތުންގެ ތެރެއިން އެތައްބަޔަކަށް ބޭނުންވާ ތަކެއްތި ފޯރުކޮށް ދިނުމަށް ސިފައިން ހަރަކާތްތެރިވަމުންދާއިރު އެއްފަހަރާ ގިނަބަޔަކު ޚިދުމަތަށް އެދުމުން ޚިދުމަތް ދޭ ފަރާތްތަކަށްވަނީ ބާރުބޮޑުވެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.

ސަރުކާރުގެ އެންމެބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ މެދުވެރިކޮށް އޮންލައިން ޙިިދުމަތަށް އެދިފައިވާ މީހުންގެ ޢަދަދު އިތުރުވެ ޚިދުމަތް ފޯރުކޮށްދިނުމަށް ސިފައިން ކުރައްވާ މަސައްކަތަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލްވަނީ ހިތްވަރު ދެއްވާފައެވެ.

ޤައުމަށް ދިމާވާ މިފަދަ ކޮންމެ ޚައްސާސް ދަނޑިވަޅެއްގައި ރައްޔިތުންނާއި އެންމެ ގާތުން ޚިދުމަތް ފޯރުކޮށްދެއްވާ އެއްބަޔަކީ ސިފައިންނެވެ. މިދަނޑިވަޅުގައި އެބޭފުޅުން އަދާކުރައްވަމުންދާ ޤައުމީ ވާޖިބަކީ ރައްޔިތުންގެ ހައްޤުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން ފޯރުކޮށް ދެއްވުމަށް ކުރައްވަމުންދާ ޚިދުމަތެކެވެ.