ޚަބަރު

ކޯވިޑް-19 : ކުއްލި ޙާލަތުގައި ބަލިމީހުންގެ ނަން ހާމަކުރުމާބެހޭ ޤަވާޢިދު ޢާއްމުކޮށްފި


ކުއްލިއަކަށް ދިމާވާ ޞިއްޙީ ނުރައްކަލެއްގެ ސަބަބުން މުޖުތަމަޢުގެ އާންމު ޞިއްޙަތަށް ސީދާގޮތުގައި ބޮޑު ނުރައްކައުތެރިކަމެއް ކުރިމަތިވުމުގެ ފުރުޞަތު އޮތްކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ޤަބޫލުކުރެވޭނަމަ، އެފަދަ ނުރައްކައުތެރި ބައްޔެއް ޖެހިފައިވާ މީހާގެ ނަން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އާންމުކޮށް ހާމަކުރެވިދާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިންވަނީ "އާންމު ޞިއްޙަތު ރައްކައުތެރިކުރުމުގެ ގޮތުން ނަން ހާމަކުރުމާބެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު" މިރޭ އާންމު ކުރައްވާފައެވެ. މި ގަވާއިދުގެ މަޤްޞަދަކީ، އާންމު ޞިއްޙަތު ރައްކައުތެރިކޮށް ދެމެހެއްޓުމަށްޓަކައި، މި ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ ވަކި ހާލަތްތަކުގައި ނުރައްކައުތެރި ބައްޔެއް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށްޓަކައި ވަކި ފަރާތެއްގެ ނަން ހާމަކުރުމަކީ މުހިންމު ކަމެއް ކަމަށް ފެނިއްޖެ ހިނދެއްގައި، އާންމުކޮށް ނަން ހާމަކުރުމުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.

މި ޤަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ ވަކި ހާލަތްތަކުގައި ނުރައްކައުތެރި ބައްޔެއް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށް ޓަކައި ވަކި ފަރާތެއްގެ ނަން އާންމުކޮށް ހާމަކުރުމުގެ ބާރު ލިބިގެންވާ ހަމައެކަނި ފަރާތަކީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތެވެ.

މި ގަވާއިދުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ވަކި މީހަކީ ނުރައްކައުތެރި ބައްޔެއް
ޖެހިފައިވާ މީހެއްކަން ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައިވާ މީހެއްކަން އެންގުމުގެ ގޮތުން އާންމުކޮށް ހާމަކުރެވޭނީ:

  • ފުރިހަމަ ނަން (އާންމުކޮށް ކިޔާ ނަމާއެކު؟
  • ޤައުމީ ނިސްބަތް؟
  • ދާއިމީ އެޑްރެސް؟
  • މިހާރު ދިރިއުޅޭ އެޑްރެސް: (ރަށް، އަތޮޅު، ޤައުމު ހިމެނޭ ގޮތުން)
  • ވަޒީފާ އަދާކުރާނަމަ، ވަޒީފާ އަދާކުރާ ތަން؛
  • ބަލީގެ ނަން ނުވަތަ ބާވަތް


ނުރައްކައުތެރި ބައްޔެއް ނުވަތަ ގައިން ގަޔަށް އަރާ ބައްޔެއް ޖެހިފައިވާ މީހެއްގެ ނަން ހާމަކުރުމުގެ ކުރިން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ރިޢާޔަތް ކުރަންޖެހޭ ކަންތައްތަކެއްވެސް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ރިޢާޔަތް ކުރަންޖެހޭ ކަންތައްތައް


  • ނަން ހާމަކޮށްގެން ބަލި ކޮންޓްރޯލް ކުރުމަށް ފުރުޞަތު އޮތް މިންވަރު
  • ނަން ހާމަކުރުމުން ނިކުންނާނެ ނަތީޖާ
  • ނަން އާންމުކޮށް ހާމަނުކޮށް އާންމު ޞިއްޙަތު ރައްކައުތެރި ނުކުރެވޭނެ މިންވަރަށް ބަލީގެ ނުރައްކާ ކުރިމަތިވެއްޖެ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލު ކުރެވުން
  • އެ މީހެއްގެ ނަން ހާމަނުކުރުމުގެ ސަބަބުން މުޖުތަމަޢަށް ކުރިމަތިވާނެނޭދެވޭ އަސަރު
  • ނަން ހާމަކުރުމުގެ ސަބަބުން އޭނާއާ ގުޅުންހުރި ފަރާތްތަކަށާއި އާންމު ފަރުދުންނަށް އެ ބަލިން ރައްކައުތެރިވުމަށް ފިޔަވަޅު އަޅަން ފުރުޞަތު އޮތް މިންވަރު
  • ބަލި ކޮންޓްރޯލް ކުރުމަށް ޓަކައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ނަން ހާމަކުރެވޭ ފަރާތުން އެއްބާރުލުންދޭ މިންވަރު


މި ޤަވާއިދުގައިވާގޮތުން އަލަށް ތަޢާރަފުވާ ނުރައްކައުތެރި ބައްޔެއްގެ ސަބަބުން ނުވަތަ ގައިންގަޔަށް އަރާ ބައްޔެއްގެ ސަބަބުން ނުވަތަ ކުއްލިއަކަށް ދިމާވާ ޞިއްޙީ ނުރައްކަލެއްގެ ސަބަބުން މުޖުތަމަޢުގެ ޢާންމު ޞިއްޙަތަށް ސީދާގޮތުގައި ބޮޑު ނުރައްކައުތެރި ކަމެއް ކުރިމަތިވުމުގެ ފުރުޞަތު އޮތްކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ޤަބޫލުކުރެވޭނަމަ، އެފަދަ ނުރައްކައުތެރި ބައްޔެއް ޖެހިފައިވާ މީހާގެ ނަން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޢާންމުކޮށް ހާމަކުރެވިދާނެއެވެ.

މީގެ އިތުރުން މީހެއްގެ މަރުގެ ސެޓުފިކެޓެއްގައި، އެ މީހަކު މަރުވެފައިވަނީ ނުރައްކައުތެރި ބައްޔެއް ޖެހިގެން ކަމަށް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ޖެހިގެން ކަމަށް ބަޔާން ކޮށްފައިވާނަމަ، އަދި އެ ބައްޔަކީ އެ ދުވަސްވަރު ދުނިޔޭގައި އަވަހަށް ފެތުރެމުންދާ ބައްޔެއް ކަމުގައި ވާނަމަ، އާންމު ޞިއްޙަތު ރައްކައުތެރިކޮށް ދެމެހެއްޓުމަށްޓަކައިވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އެ މީހެއްގެ ނަން ހާމަކުރެވިދާނެކަމަށް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި މިފަދަ ހާލަތުގައިވެސް ވަކި ފަރާތެއްގެ ނަން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ހާމަކުރަންވާނީ، އެކަން ނުކޮށް އާންމު ޞިއްޙަތު ރައްކައުތެރި ނުކުރެވޭނެ މިންވަރަށް އެކަމުގެ ނުރައްކާ ކުރިމަތިވެއްޖެ ހިނދެއްގައި، އެ މަޤްޞަދު ހާސިލުކުރެވޭ މިންވަރަށް އެކަނި ކަމަށްވެސް މި ޤަވާއިދުގައި ވަނީ ބަޔާންކުރައްވާފައެވެ.

މި ޤަވާއިދުގައިވާގޮތުން ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކަރަންޓީނު ކުރުމަށް، ނުވަތަ އެ ފަދަ މީހަކު ނުވަތަ އެ ފަދަ ބައްޔެއް ފަތުރާ ވަސީލަތަކަށް ހުށަހެޅިފައިވާ މީހަކު، އެކަހެރިކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުމާ ޚިލާފުވާ ފަރާތްތަކާއި، އެ ފަދަ ފަރާތެއްގެ ކިބައިން އެ ބަލި ފެތުރުނަ ނުދިނުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކުރަންޖެހޭ ކަންކަން ކުރުމަށް އެއްބާރުލުން ނުދޭ ފަރާތްތަކުގެ ނަން ވެސް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ހާމަކުރެވިދާނެއެވެ.