ޚަބަރު

ދެކުނު ކޮރެޔާގައި ބައެއް މީހުންނަށް ދެވަނަ ފަހަރަށް ކޯވިޑް-19 ޖެހެނީ ކީއްވެ؟


ދެކުނު ކޮރެޔާގައި ކޯވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހުންގެ ކިބައިން އަލުން ބަލީގެ ޢަލާމަތްތައް ފެންނަމުންދާތީ އެޤައުމުން އެކަން ދިރާސާކުރަން ފަށައިފިއެވެ.

ކޯވިޑު-19ން ރަނގަޅުވުމަށްފަހު، އޭގެ ދުވަސްތަކެއްފަހުން ހަށިގަނޑުން ދެވަނަ ފަހަރަށް ބަލީގެ ޢަލާމަތްތައް ފެނިފައިވާ 141 މީހެއް ދެނެގަނެވިފައިވާކަމަށް ކޮރެޔާ ސެންޓާރސް ފޮރ ޑިޒީޒް ކޮންޓްރޮލް އެންޑް ޕްރިވެންޝަން، ކޭސީޑީސީން ބުނެއެވެ. ދެކުނު ކޮރެޔާގެ ޞިއްޙީ މާހިރުން ޤަބޫލުކުރާގޮތުގައި ކޯވިޑް-19ން ރަނގަޅުވެފައިވާ މީހުންގެ ކިބައިން ބަލީގެ ޢަލާމަތް ދެވަނަ ފަހަރަށް ފެނުމަށް އޮތީ ތިން ގޮތެކެވެ. އެއީ ދެވަނަ ފަހަރަށް ވައިރަހުގެ އަސަރުކުރުމާއި ހަށިގަނޑުން ވައިރަހުގެ އަސަރު ނުފިލާހުރުމާއި ތަހުލީލުކުރުމުގައި ގޯސްތަކެއް ހެދުމެވެ.

ދެވަނަ ފަހަރަށް ބަލި ޖެހެނީތަ، ނޫނީ ވައިރަހުގެ އަސަރު އެއްކޮށް ނުފިލަނީތަ؟

ޞިއްޙީ މާހިރުން ބުނާގޮތުގައި އެންމެ ނުރައްކާތެރި ޙާލަތަކީ އެއްފަހަރު ބަލިޖެހިފައިވާ މީހުންނަށް ދެވަނަ ފަހަރަށް ކޮރޯނާވައިރަހުގެ އަސަރުކުރުމެވެ. އެހެންކަމަށްވާނަމަ ކޮރޯނާވައިރަހާ ދެކޮޅަށް އެމީހުންގެ ހަށިގަނޑުގެ ދިފާޢީ ނިޡާމް ނުހޭނޭކަމަށް ބެލެވެއެވެ.

އެންމެ ބޮޑަށް ބުރަވެވޭގޮތަކީ އެންމެ ފުރަތަމަ ކޯވިޑް-19 ޖެއްސި ކޮރޯނާވައިރަހުގެ ބާރު ވަގުތީ ގޮތުން ކެނޑުމެވެ. އަދި ދުވަސްތަކެއް ފަހުން ކޮރޯނާވައިރަހުގެ ބާރު އަލުން ބާރުގަދަވުމެވެ. އެހެން ދިމާވެދާނެ ދެގޮތެއް އެބައޮތެވެ. ފުރަތަމަ ގޮތަކީ ކޮރޯނާވައިރަހުގެ ބައެއް ވަގުތުކޮޅަކަށް މަސައްކަތް ނުކުރުމެވެ. ދެވަނަ ގޮތަކީ ދިފާޢީ ނިޡާމުގެ ބާރު ދަށްވުމުގެ ސަބަބުން ނުވަތަ ކޮންމެވެސް އެހެން ޞިއްޙީ މައްސަލައެއްގެ ސަބަބުން ކޮރޯނާވައިރަހުގެ ބާރު އަލުން ގަދަވުމެވެ.

ޗައިނާއާއި އެމެރިކާގެ ބައެއް ޑޮކްޓަރުން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި ކޮރޯނާވައިރަސް ހަށިގަނޑުގެ ޓީީސެލްތަކަށް ޙަމަލާދެއެވެ. އެއީ ހަށިގަނޑުގެ ދިފާޢީ ނިޡާމުން ވައިރަހާއި ޖަރާސީމުތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި އިސް ދައުރެއް ޢަދާކުރާ ސެލްތަކެކެވެ.

ކޮރެޔާ ޔުނިވާސިޓީ ކޮލެޖް އޮފް ފާމަސީގެ ވައިރޮލޮޖިސްޓެއްކަމަށްވާ ކިމް ޖޮންކީވަނީ އެގޮތަށް ކޮރޯނާވައިރަހުގެ ބާރު ކެނޑުމަށްފަހު އަލުން ބާރު ގަދަވާގޮތް ބުނެދިނުމަށް އިސްފިރޭނެއްގެ މިސާލު ނަންގަވާފައެވެ. އޭނާ ވިދާޅުވީ ފިއްތާލާފައި އޮންނަ އިސްފިރޭނެކޭ އެއްގޮތަށް ވައިރަހުގެ އަސަރު ބައެއް ފަހަރު ވަގުތުކޮޅަކަށް ކެނޑޭކަމަށެވެ. ނަމަވެސް އިސްފިރޭނު ދޫކޮށްލުމުން އަނެއްކާވެސް އޭގެ ހަޤީޤީ ބޮޑުމިނަށް އޭތި ރުޖޫޢަވާ ބީދައިން، ކޯވިޑް-19 ޖެހި ރަނގަޅުވާ މީހުންގެ ކިބައިން ދެވަނަ ފަހަރަށް ބަލީގެ އަސަރު ފެންނަނީކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ. އެއީވެސް ވަރަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. އެއީ ބަލިމަޑުކަން އިތުރަށް ފެތުރުން ހުއްޓުވުމަށް ހުރި ހުރަސްތައް އިތުރުކޮށްދޭކަމަކަށް ވާތީއެވެ.

ދެނުކު ކޮރެޔާގެ ޗަންގްއޭންގް ޔުނިވާސިޓީގައި މަސައްކަތްކުރައްވާ ވެކްސިނާ ބެހޭ މާހިރެއްކަމަށްވާ ސޮލް ޑައިވޫ ވިދާޅުވީ ދެވަނަ ފަހަރަށް ކޯވިޑް-19 ޖެހޭ މީހުންގެ ކިބައިން އެހެން މީހުންނަށް ވައިރަހުގެ އަސަރުކުރާކަމަށް މިހާތަނަށް ފާހަގަވެފައިނުވާކަމަށެވެ. އެހެންނަމަވެސް އެފަދަ މީހުންގެ ކިބައިން އެހެން މީހުންނަށް ބަލިމަޑުކަން ފޯރުމަކީ ވަރަށް ބޮޑު މައްސަލައަކަށްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ތަހުލީލުކުރުމުގައި ހުރި ދަތިތައް

ދެނުކު ކޮރެޔާގައި ކޯވިޑް-19ގެ އަސަރުކޮށްފައިވާ މީހުންގެ ހަށިގަނޑުގައި ބަލިމަޑުކަމުގެ އަސަރު އިތުރަށް ނެތްކަމަށް ނިންމަނީ 48 ގަޑިއިރުގެ ތެރޭގައި ދެފަހަރަށް ބައްޔަށް ތަހުލީލުކޮށް، ކޮރޯނާވައިރަހުގެ އަސަރު ނެތްކަން ދެފަހަރުވެސް ނަތީޖާއިން ދެއްކުމުންނެވެ.

ދެކުނު ކޮރެޔާގައި ކޯވިޑް-19އަށް ތަހުލީލުކުރަން ބޭނުންކުރާ އާރުޓީ-ޕީސީއާރު ޓެސްޓަކީ އޭގެ ނަތީޖާއާމެދު ޔަޤީންކަން ބޮޑު ތަހުލީލެކެވެ. އެހެންނަމަވެސް ބައެއް ފަހަރު ނަތީޖާ ގޯސްކޮށް ދެއްކުމުގެ ފުރުޞަތު އޮންނަކަމަށް ޞިއްޙީ މާހިރުން ބުނެއެވެ.

ކިމް ވިދާޅުވިގޮތުގައި އާރުޓީ-ޕީސީއާރު ޓެސްޓުގެ ނަތީޖާ ދިމާވުމުގެ ފުރުޞަތަކީ 95 އިންސައްތައެވެ. ނަމަވެސް ނަތީޖާ ނުބައިކޮށް ދެއްކުމުގެ 2 ނުވަތަ 5 އިންސައްތައިގެ ފުރުޞަތެއް އޮންނަކަމަށް އޭނާ ވިދާޅުވިއެވެ. ބައެއް ފަހަރު ބަލި ނުޖެހުނަސް ބަލިޖެހިފައި ހުރިކަމަށް ދައްކައެވެ. އަދި ބައެއް ފަހަރު ބަލިޖެހުނަސް ނަތީޖާއިން ބަލިނުޖެހޭކަމަށްވެސް ދައްކައެވެ.

ކޮރޯނާވައިރަހުގެ އަސަރު ބައެއް ފަހަރު އެއްކޮށް ހަށިގަނޑުން ނުފިލާ ހުންނަ މިންވަރު ވަރަށް ބޮޑަށް ދަށްވުމުންވެސް ތަހުލީލުން އެކަން ނުދައްކަފާނެއެވެ. އަދި ބައެއް ފަހަރު އެއްވެސް ނުރައްކަލެއް އޭގެ ސަބަބުން ނޯންނަހާ ދަށް މިންވަރަށް ކޮރޯނާވައިރަސް ހަށިގަނޑުގައި ހުންނަކަމަށް ތަހުލީލުތަކުން ދައްކަފާނެއެވެ. އޭގެ ސަބަބުން ބަލިން ރަނގަޅުވުމުންވެސް ހަށިގަނޑުގައި ކޮރޯނާވައިރަސް ހުރިކަމަށް ތަހުލީލުން ދައްކަފާނެއެވެ. އޭގެ އިތުރުން، ތަހުލީލުކުރުމަށް ސާމްޕަލް ނެގުމުގައި ހެދޭ ގޯސްތަކެއްގެ ސަބަބުން ނަތީޖާ ނުބައިކޮށް ލިބުން އެކަށީގެންވެއެވެ.