ޚަބަރު

ނޯތު ހާބަރާއި ޓީޖެޓީން މުދާ ގެންދާ އުޅަނދުތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދެނީ: ޝާހިދު އަލީ


ރަށްރަށާއި ރިސޯޓްތަކަށް މުދާ ގެންދިއުމަށް މާލޭ ނޯތު ހާބަރާއި ޓީޖެޓީ ބޭނުންކުރާ އުޅަނދުތަކަށް މުދާ ބަރުކުރެވޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން ބުނެފިއެވެ.

އެމްޕީއެލް އާއި ކަސްޓަމްސްގެ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ބައެއް އުޅަނދުތަކުން މުދާ ބަރުކުރިނަމަވެސް ނުފުރި ތިބެންޖެހުމާއި، އަދި ދަތުރުފަތުރުގެ ނިޒާމަށް ގެނައި ބަދަލާއިއެކު މުދާ ނުގެންދެވިފައި ތިބިކަމަށެވެ. މިފަދަ އުޅަނދުތައް ދެނެގަންނަމުންދާކަމަށާއި އެ ފަރާތްތަކަށް އެހީތެރިކަން ދިނުމުގެ ކަންކަން ހަމަޖައްސަމުންދާކަމަށް ޝާހިދުވަނީ ވިދާޅުވެފައެވެ.

"ނޯތު ހާބަރާއި ޓީ ޖެޓީގައި ރަށްރަށަށާއި ރިސޯޓްތަކަށް ތަކެތި ގެންދާ ގިނަ އުޅަނދުތައް އެބަހުރި. މިހާރު މި މަސައްކަތް ކުރަނީ އެ އުޅަނދުތައް ދެނެގަނެ، އެ ސަރަޙައްދުގައި މިކަންކަމަށް އެހީވުމަށް ޑެސްކެއް ބަހައްޓަން. މުދާ ގެންދާ އުޅަނދުތަކަށް ލަފާފުރުން ފަހިކޮށްދޭނަން." ޝާހިދު އަލީ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ހުޅުމާލޭ ޕޯޓުވެސް އާއްމު އުސޫލުން ބޭނުންކުރުން މިހާރު ހުއްޓާލާފައި ވާކަމަށެވެ. އަދި އެ ޕޯޓް ބޭނުން ކުރާނީ ހުޅުމާލެއަށް ކޮންމެހެން ބާލަންޖެހޭ މުދާ ބޭލުމަށް ކަމަށެވެ. މިފަދަ ތަކެތި ގެންނަ މީހުން ކުރިއާލާ އެންގުމުން އެކަން ހަމަޖައްސާނެކަމަށް ޝާހިދު އަލީ ވިދާޅުވިއެވެ.