ޚަބަރު

ކޯވިޑް-19 : ކަރަންޓީންގައި ތިބި 69 މީހަކު ދޫކޮށްލައިފި


ކޯވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަރަންޓީން ކުރި މީހުންގެ ތެރެއިން 69 މީހަކު މިއަދު ދޫކޮށްލާފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ ކަރަންޓީން ކުރެވިފައިވާ މީހުންގެ ތެރެއިން މިއަދު ދޫކޮށްލާފައިވަނީ ތިން ފެސިލިޓީއެއްގައި ތިބި 69 މީހުންކަމަށެވެ.

މިއަދު ދޫކޮށްލުމަށް ހަމަޖެހިފައިވަނީ އެރިއަދޫ ކަރަންޓީންގައި ތިބިމީހުންގެ ތެރެއިން ބަޔަކާއި، ރޯޔަލް އައިލެންޑްގައި ތިބި މީހުންގެ އިތުރުން، ފަން އައިލެންޑްގައި ތިބި ބަޔެކެވެ. މިއެންމެންވެސް ދޫކޮށްލާފައިވަނީ ކަރަންޓީންގެ މުއްދަތު ހަމަވެ ކޯވިޑަށް ދެވަނަ ފަހަރަށް ޓެސްޓުކޮށް، ނެގެޓިވްވުމުންނެވެ.

މިހާރު ކަރަންޓީންގައި ތިބި މީހުންގެ ތެރެއިން ކަރަންޓީންގެ މުއްދަތުހަމަވެ 111 މީހަކު ކޯވިޑަށް ދެވަނަ ފަހަރަށް ޓެސްޓުކޮށް ދޫކޮށްލުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ. މި އެންމެގެވެސް ނަތީޖާ ނެގެޓިވްވެއްޖެނަމަ އެންމެންވެސް ދޫކޮށްލުމަށް ވަނީ ހަމަޖެހިފައެވެ.

މާލެއިން ކޯވިޑް-19 ފެނުމާއި ގުޅިގެން ޕޮޒިޓިވްވި މީހުންނާއި ސީދާ ދިމާވި މީހުންގެ ތެރެއިން ހައިރިސްކުގެ ގޮތުގައި ބެލެވޭ 82 މީހަކު ވަނީ ކަރަންޓީން ކޮށްފައެވެ. މިދަނޑިވަޅުގައި މާލެއިން މިފެނުނު ކޭސްތަކާއި ގުޅިގެން އެއްވެސް މީހަކާ ދިމާވެ ބައްދަލުވެފައިވާނަމަ އެމީހަކު އަމިއްލަޔަށްވެސް އެޗްޕީއޭއަށް ރިޕޯޓްކުރުމަށް މަބްރޫކްވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިހާލަތަކީ މުޅި ރައްޔިތުންގެ އެއްބާރުލުމާއިއެކު ކުރެވޭނެ ކަމަކަށްވުމުން ފަރުވާކުޑަ ނުކުރެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.