ވިޔަފާރި

ކޯވިޑް-19 : މާލެ ސިޓީއިން މިހާތަނަށް 439 ތަނަކަށް ޑެލިވަރީގެ ޙިދުމަތް ދިނުމަށް ހުއްދަ ދީފި


މާލެ ސިޓީއިން މިހާތަނަށް 439 ތަނަކަށް ޑެލިވަރީގެ ޙިދުމަތް ދިނުމަށް ހުއްދަ ދޫކޮށްފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ ޑެލިވަރީގެ ޙިދުމަތް ދިނުމަށް މާލެއިން 188 ތަނަކަށާއި ހުޅުމާލެއިން 222 ތަނަކަށް އަދި ވިލިމާލެއިން 29 ތަނަކަށް ހުއްދަ ދީފައިވާ ކަމަށެވެ.

"އިއްޔެ ފިހާރަތަކަށް ހިފަހައްޓާ ނުލެވޭ ވަރަށް ޑެލިވަރީ ކުރަންޖެހިގެންދިޔަ، މިހާރު މިވަނީ އިތުރު ބަޔަކަށް ޑެލިވަރީކުރުމުގެ ލައިސެންސް ދޫކޮށްފައި، ޑެލިވަރީގެ ޙިދުމަތް ހޯދުމުގައިވެސް ޑޮކްޓަރުންދޭ ލަފައާ އެއްގޮތަށް ވީހާވެސް ޑެލިވަރީ ކުރާ މީހުންނާއި ކޮންޓެކްޓު ކުޑަކުރުން ކުރުން އަދި ޑިސްއިންފެކްޓެންސްޓު ކުރަން ޖެހޭ ތަކެތި ޑިސްއިންފެކްޓެންޓުކޮށް ހެދުމަށް އިސްކަންދޭންޖެހޭ" މަބްރޫކް ވިދާޅުވިއެވެ.

މީގެއިތުރުން ހޯލްސޭލްކޮށް މުދާ ރީޓެއިލް ކުރާ ފިހާރަތަކަށް ޑެލިވަރ ކުރާ ފަރާތްތަކަށް އިތުރު ލައިސަންސްތައް ދިނުމަށް އިކޮނޮކިމް މިނިސްޓްރީން ކަމާއި ބެހޭ ވުޒާރާތަކާއެކު މަސައްކަތް ކުރަމުންދާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ޑެލިވަރީ ކުރާ ތަންތަނަށް ޑިމާންޑު ބޮޑުވުމާއި ގުޅިގެން ފުލުހުން މިހާރު މިވަނީ ފިހާރަތަކުން 24 ގަޑިއިރު ޑެލިވަރީކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ކާބޯތަކެތި ޑެލިވަރ ކުރާ ފަރާތްތަކަށްވެސް ހެނދުނު 8:00 އިން ރޭގަނޑު 11:00އަށް ޚިދުމަތް ދެވޭނެ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.