ވިޔަފާރި

ކޯވިޑް-19 : މަސް ދޯނިފަހަރުތައް މަހަށް ފުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމައިފި


އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށް އަންގާފައިވީ ނަމަވެސް މަސް ދޯނިފަހަރުގައި މަހަށް ފުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ކޯވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށް އަންގާފައިވީ ނަމަވެސް މަސް ދޯނިފަހަރުގައި މަހަށް ފުރުމުގެ ހުއްދަ ދިނުމަށް ނިންމާފައި ވާކަމަށެވެ.

މިޙާލަތުގައި މަސްދޯނިފަހަރު މަސް ކިރުވުމަށް ބަނދަރުކުރާ ރަށަށް މަސްވެރިންނަށް ނުފޭބޭނެ ކަމަށާއި، އެއުޅަނދެއް ނިސްބަތްވާ ރަށަށް މަސް ދަތުރު ނިންމުމަށްފަހު ދަތުރުކުރަން ޖެހޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.

މަސްވެރިން މަހަށް ފުރުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކާއި ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ އަދި ކަމާގުޅޭ ފަރާތްތަކުން އިތުރު ތަފްޞީލު ދޭނެ ކަމަށާއި، އެފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މިފްކޯއިން ދާދިފަހުން ހާމަކޮށްފައިވާ ގޮތުގައި މިދުވަސްކޮޅަކީ ރާއްޖެއަށް މަސްްވެރިކަން ރަގަޅު ދުވަސްކޮޅެކެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ މަސް އެކުންފުނީގެ މަސްކާރުޚާނާތަކަށް ދަނީ ކިރުވަމުން ކަމަށް ބެނެފައިވެއެވެ.

ކުރިއަށް އޮތީ ރޯދަމަސްކަމުން މަހުގެ ޑިމާންޑު ބޮޑުވެގެންދާނެއެވެ. މިފްކޯއިން ހާމަކުރާގޮތުގައި ޑިމާންޑާއި އެއްވަރަށް ބާޒާރަށް މަހުގެ އުފެއްދުންތައް ނެރެވޭނެއެވެ.