ޚަބަރު

ކޯވިޑް-19 : މާލެ ސަރަހައްދު 2 ހަފްތާގެ ފުރަބަންދަކަށް


މާލެސިޓީ ސަރަޙައްދު، ކުރިއަށް އޮތް ދެ ހަފްތާއަށް ފުރަބަންދު ކުރުމަށް ނިންމައިފިއެވެ.

މާލޭގައި ދިރިއުޅޭ ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާގުޅިގެން މާލެ ސިޓީ ހިމެނޭ ސަރަހައްދުގެ މާލެ، ހުޅުމާލެ، ވިލިމާލެ ފުރަބަންދުކޮށްފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ގިނަ ދުވަސްތަކަކަށް ފުރަބަންދަކަށް ގޮސްފައިމިވަނީ މުޖުތަމައުގައި ކޯވިޑް ފެތުރުމަށް އޮތް ފުރުސަތު ހަނިކުރުމަށެވެ. އަދި މިކަމަށް ރައްޔިތުން ފުރިހަމައަށް އެއްބާރުލުން ދިނުމަށް އެޗްޕީއޭއިން ވަނީ އަންގަވާފައެވެ.

މާލެއިން ކޯވިޑް-19 އަށް ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވީކަން މިދިޔަ ބުދަދުވަހު ހާމަވެފައިވާއިރު މިހާތަނަށް މާލެއިން 7 މީހަކުވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. މިއާއެކު މާލޭގެ އެލަރޓް ލެވެލްވަނީ ރަތަށް ބަދަލުކޮށްފައެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެގޮތުން އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް، 12 މާރިޗު 2020 ގައި، މިނިސްޓަރ އޮފް ހެލްތުވަނީ އިޢުލާނު ކުރައްވާފައެވެ.

މި ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މި ބަޔާން ޢާންމުކުރި ވަގުތުން ފެށިގެން ވަކި ގޮތެއް އަންގަންދެން ފިޔަވަޅުތަކެއް އެޅުމަށް ވަނީ އަންގަވާފައެވެ. އޭގެތެރޭގައި ހިމެނެނީ:

  • މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި ޢާންމު ތަންތަނަށް ނިކުތުން މަނާކުރުން
  • މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީ" ގެ ޚިދުމަތް ހުއްޓައިލުން
  • މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރައި ފޭބުން ހުއްޓައިލުން


މި ފިޔަވަޅުތަކުން އިސްތިސްނާވާނެ ފަރާތްތައް

  • ސިފައިންނާއި ފުލުހުން
  • ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • އެމްބިއުލަންސް
  • ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯސީ)ގެ ފާސް ލިބިފައިވާ ފަރާތްތައް
  • ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯސީ)ގެ ފާސް ލިބިފައިވާ މީޑިއާތައް


މި ފިޔަވަޅުތައް ތަންފީޒުކުރުމުގައި ވަގުތަށާއި ޙާލަތަށް ރިޢާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި ޒަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންކަމަށްވެސް ބަޔާނުގައިވެއެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރައްޙަދު ފިޔަވައި ރާއްޖޭގެ ހުރިހާ
ރަށެއްގައި ޚާއްޞަ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައި އެކަންވަނީ ޢިއުލާންކުރައްވާފައެވެ. ވަކި ގޮތެއް އަންގަންދެން ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެ، ވިލިމާލެ، ހުޅުމާލެ ފިޔަވައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމަށް ވަނީ އަމުރުކުރައްވާފައެވެ.