ޚަބަރު

ކޯވިޑް-19 : ރަށްރަށަށް ދިޔަ މީހުންގެ ގައިން ކޯވިޑްގެ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަށް ރިޕޯޓްކުރުމަށް އަންގައިފި


ރަށްރަށަށް ދަތުރުކޮށްފައިވާ މީހެއްގެ ގައިން ކޯވިޑް19ގެ އަލާމާތެއް ފެންނަ ނަމަ ލަސްނުކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް އެންގުމަށް އިލްތިމާސްކޮށްފިއެވެ.

ރިސޯޓްތަކާއި ސަފާރީތައް ބަންދުގައި އޮތުމަށްފަހު ވަކި އުސޫލެއްގެދަށުން މުޢައްޒަފުން ފޭބުމުގެ ހުއްދަ ވަނީ ދީފައެވެ. އަދި މިހާތަނަށް ގިނަ މީހުން ވަނީ އެމީހުންގެ އަމިއްލަ ރަށްތަކަށް އަންބުރާ ގޮސްފައެވެ. އަދި ސަރުކާރު ބަންދުވުމާއި ގުޅިގެން ގިނަ އާއިލާތަކެއްވެސް ވަނީ މާލެއިން ފުރައިގެން ރަށްތަކަށް ދަތުރުކޮށްފައެވެ.

މިގޮތަށް ދަތުރުކޮށްފައިވާ އެއްވެސް މީހެއްގެ ކިބައިން ކޯވިޑަށް ޝައްކުވާ އަލާމާތެއް ފެންނަނަމަ، ވީހާވެސް އަވަހަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް އެންގުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން މިހާރު ހުރިހާ ރަށްތަކަކުން ދަތުރުކުރުން ހުއްޓާލުމަށް އަންގާފައިވާއިރު، ރަށު ފެންވަރުގައި އެ ރަށެއްގެ ޓާސްފޯހުން ފިޔަވަޅު އަޅަމުން ގެންދިއުމަށްވަނީ އިރުޝާދު ދީފައެވެ.

އެގޮތުން ރަށްރަށުގެ އާއްމުތަންތަނާއި ޕާކާއި ފިނި މައިޒާންތަކަށް އެއްވެ އުޅުން މަނާކުރުމާއި، މީހުން އެއްވާގޮތަށް ކުރިއަށްގެންދާ ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތައް ނުބޭއްވުމަށް ނިންމުން ހިމެނެއެވެ.

ދަތުރު ދިއުމާއި، މަސްދަތުރުތަކާއި ޙަފްލާތަށް ނުބޭއްވުމަށްވެސް ދަނީ ރައްޔިތުންނަށް އިލްތިމާސްކުރަމުންނެވެ.

އަދި ބައެއް ރަށްތަކުންދަނީ އަމިއްލަ ފަރުދީ ޒިންމާގެ ގޮތުގައި ދެކިގެން މިދުވަސްތަކުގައި މާލެ ނުވަތަ ރިސޯޓުން ރަށްރަށަށް އެރި މީހުން ވީހާވެސް އެކަހެރިކޮށް އުޅުމަށް އިލްތިމާސްކުރަމުންނެވެ.

އަދި މީހަކާއި ބައްދަލު ކުރާއިރުވެސް މަދުވެގެން 3ފޫޓުގެ ދުރުމިން ބެހެއްޓުމާއި، ރޯގާގެ އެއްވެސް އަލާމާތެއް ފެންނަނަމަ ސިއްޙި މަރުކަޒަށް ނުގޮސް އެރަށެއްގެ ޓާސްކް ފޯހަން ގުޅައިގެން އެންގުމަށްދަނީ އިރުޝާދު ދެމުންނެވެ.

އަދި ސިއްޙީ މަހީރުންގެ އިރުޝާދާއި އެއްގޮތަށް ސާފުތާހިރުކަމަށް ޚާއްސަ ސަމާލްކަމެއްދޭން ޖެހެއެވެ.