ޚަބަރު

ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލަން އަމުރުކޮށްފި


ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި މާލެ ސަރައްޙަދު ފިޔަވައި ރާއްޖޭގެ ހުރިހައި
ރަށެއްގައި ޚާއްޞަ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައި އެކަން ޢިއުލާންކުރައްވައިފިއެވެ.

އެގޮތުން ވަކިގޮތެއް އަންގަންދެން ވަކި ގޮތެއް އަންގަންދެން ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެ، ވިލިމާލެ، ހުޅުމާލެ ފިޔަވައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމަށް ވަނީ އަމުރުކުރައްވާފައެވެ. މިޙާލަތުގައި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރުމަށްވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ކުރައްވާފައިވާ އަމުރުގައި އަންގަވާފައިވެއެވެ.

މީގެއިތުރުން ދިރިއުޅޭ ގޭބިސީ ފިޔަވައި، އަމިއްލަ ތަންތަނާއި އާންމު ތަންތަންވެސް ހިމެނޭގޮތުން، އެއްވެސް ތަނެއްގައި ގިނަބަޔަކު އެއްވެއުޅުން ހުއްޓައިލުމަށާއި ވަކިން ޚާއްޞަކޮށް، ޕާޓީތަކާއި ޙަފްލާތައް ބޭއްވުމާއި، މާހެފުމާއި ދަތުރުދިޔުމާއި، މޫދަށް އެރުމާއި، ކުޅިވަރުކުޅުމާއި، އިޖުތިމާޢީ އެނޫންވެސް ހަރަކާތްތައް ބޭއްވުން ވެސް ހުއްޓައިލުމަށް މިއަމުރުގައި އަންގަވާފައިވެއެވެ.

އަދި ކޯވިޑް-19އިން ރައްކައުތެރިވުމަށް، ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހައި ވަގުތެއްގައިވެސް ޢަމަލުކުރުމާއި، ޒަރޫރީ ބޭނުންތަކަށް ތަންތަނަށް ގޮސް އުޅުމުގައިވެސް ގައިދުރުކަން ބެހެއްޓުމަށާއި ވޭތުވެދިޔަ ތަނުގައި، މާލެއިންނާއި، ރިސޯޓުތަކުންނާއި، ސަފާރީތަކުން ރަށްރަށަށް ދަތުރު ކޮށްފައިވާ މީހުން ކޯވިޑް-19 އަށް ޝައްކުވާ އަލާމަތެއް ފެނިއްޖެނަމަ، ލަސްނުކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އެންގުމަށްވެސް ވަނީ އަމުރުކުރައްވާފައެވެ.