ޚަބަރު

ފައްވާރުގައި ދައުރުވާ ފެނުގައި އެއްވެސް މައްސަލައެއް ނޫޅޭ


ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ފައްވާރުގައި ދައުރުވަމުންދާ ފެނުގައި އެއްވެސް މައްސަލައެއް ނޫޅޭކަމުގެ ޔަޤީންކަންދޭކަމަށް އެމްޓީސީސީން ބުނެފިއެވެ.ޖުމްހޫރި މައިދާނުގައި ހަދާފައިވާ މިއުޒިކީ ފައްވާރާއި ގުޅިގެން ސޯޝަލް މީޑިޔާގައި ފެތުރެމުންދާ ޚަބަރުތަކާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޓީސީސީގެ ސީ.އީ.އޯ އިބްރާހިމް އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، ފައްވާރުގައި ފެނާގުޅޭ މައްސަލައެއް ދިމާނުވާނެކަމަށާ، އެކުންފުނިން ބެލިބެލުމުން އެސަރަޙައްދުގައި ދުވާ ވަހަކީ ފައްވާރުން އެތަނުގެ ވިނަގަނޑަށް ފެން އެޅުމުގެ ސަބަބުން ވިނަ ގަޑުން އަރާ ވަހެއްކަމަށެވެ. އަދި ފައްވާރުގައި ބޭނުންކުރާ  ފެން ރެގިއުލޭޓްކޮށް މޮނިޓަރކުރަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ.އިބްރާހިމް އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، ފައްވާރު މިޒަމާނުގެ ގޮތަށް ތަރައްޤީކޮށް ހަދާފައިވަނީ އާއްމުންނަށް ބައިވެރިވެވޭގޮތަށް ހަދާފައިވާ ތަނެއް ނަމަވެސްް އެތަނުގެ މޮނިއުމަންޓްގެ އެތެރޭގައި ހަދަފާއިވާ ފޫލްއަށް އެރުމަކީ މަނާކަމެއްކަމަށާއި، ބެލެނިވެރިން މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރާކަމަށެވެ. އަދި  އެތަނަކީ ވީހާވެސް ސާފުތާހިރު ތަނެއްގެ ގޮތުގައި ބެހެއްޓުމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށް  އިލްތިމާސްކުރާކަމަށެވެ.މިނިއުސް ކޮންފަރެންސްގައި ފައްވާރުގެ ފިލްޓްރޭޝަން ސިސްޓަމް ޤާއިމުކޮށްފައިވާ އަކުއާ ސޮލިއުޝަންގެ މެނޭޖިންގ ޑިރެކްޓަރ ޝަނީޒް އިބްރާހިމް ވިދާޅުވީ ފައްވާރުގައި ހަރުކޮށްފައިވާ ފިލްޓްރޭޝަން ސިސްޓަމަކީ ސްވިމިންގ ޕޫލްތަކުގައި ބޭނުންކުރަމުންދާ ފަދަ ސިސްޓަމެއްކަމަަށެވެ. އަދި މިސިސްޓަމުން ދުވާލަކު ތިން ފަހަރު ފެނުގެ ކޮލިޓީ ޗެކްކުރަމުންދާނެކަމަށްވެސް ޝަނީޒް ވިދާޅުވިއެވެ.މިފައްވާރުގައި ބޭނުންކުރަމުންދާ ފެނުގެ ރައްކާތެރިކަމާއި މެދު ހުށަހެޅުނު ޝަކުވާތަކެއް ބަލަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެއެވެ. އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން މިތަނުގައި ބޭނުންކުރާ ފެން ޓެސްޓްކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީ އިން ބުނެއެވެ.ފައްވާރު ސަރަޙައްދުގައި ކުޑަކުދިން ހަރަކާތްތެރިވަމުންދާއިރު ގިނަ އަދަދަށް ކުނި ހުންނަކަން ފާހަގަކުރެވިފައިވާކަމަށާ، އެތަނަށް ކުނި ނޭޅުމަށް އެމްޓީސީސީ އިން އިލްތިމާސްކުރެއެވެ. އަދި އެތަނުގެ ސާފުތާހިރުކަމަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުކަން ދިނުމަށްވެސް އެކުންފުނިން އިލްތިމާސްކުރެއެވެ.