ޚަބަރު

ކޯވިޑް-19 : 69 މީހަކު ކަރަންޓީންގެ މުއްދަތު ހަމަވެ، ނެގެޓިވްވުމުން ދޫކޮށްލަނީ


ކޯވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަރަންޓީން ކުރި މީހުންގެ ތެރެއިން 69 މީހަކު މިއަދު ދޫކޮށްލާނެ ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ ކަރަންޓީން ކުރެވިފައިވާ މީހުންގެ ތެރެއިން މިއަދު ދޫކޮށްލުމަށް ހަމަޖެހިފައިވަނީ 3 ރިޒޯޓެއްގެ ކަރަންޓީން ފެސިލިޓީސްތަކުގައި ބައިތިއްބާފައިވާ މީހުންކަމަށެވެ.

މިއަދު ދޫކޮށްލުމަށް ހަމަޖެހިފައިވަނީ އެރިއަދޫ ކަރަންޓީންގައި ތިބިމީހުންގެ ތެރެއިން ބަޔަކާއި، ރޯޔަލް އައިލެންޑްގައި ތިބި މީހުންގެ އިތުރުން، ފަން އައިލެންޑްގައި ތިބި ބައެއްކަމަށެވެ. މިއެންމެންވެސް ދޫކޮށްލަނީ ކަރަންޓީންގެ މުއްދަތުހަމެ ކޯވިޑަށް ޑަބަލް ޓެސްޓްކޮށް، ނެގެޓިވް ނަތީޖާ ލިބުމުންކަމަށް މަބުރޫކް ވިދާޅުވި.

މާލެއިން ކޯވިޑް 19 ފެނުމާއި ގުޅިގެން ޕޮޒިޓިވްވި މީހުންނާއި ސީދާ ދިމާވި މީހުންގެ ތެރެއިން ހައިރިސްކުގެ ގޮތުގައި ބެލެވޭ 82 މީހަކު ކަރަންޓީން ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މިދަނޑިވަޅުގައި މާލެއިން މިފެނުނު ކޭސްތަކާއި ގުޅިގެން އެއްވެސް މީހަކާ ދިމާވެ ބައްދަލުވެފައިވާނަމަ އެމީހަކު އަމިއްލަޔަށްވެސް އެޗްޕީއޭއަށް ރިޕޯޓްކުރުމަށް މަބްރޫކްވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިހާލަތަކީ މުޅި ރައްޔިތުންގެ އެއްބާރުލުމާއިއެކު ކުރެވޭނެ ކަމަކަށްވުމުން ފަރުވާކުޑަ ނުކުރެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.