ވިޔަފާރި

ކޯވިޑް-19: ރައީސްގެ އިރުޝާދާއެކު ކަރަންޓީން ފެސިލިޓީތަކުގެ ޖާގަ މިދަނީ އިތުރުކުރަމުން - މިނިސްޓަރ ޢަލީ ވަޙީދު


ކޯވިޑް-19އާ ގުޅިގެން ކިތަންމެ ގިނަ ޢަދަދެއްގެ މީހުން ކަރަންޓީނުކުރަން ޖެހުނަސް އެޢަދަދަށް ކަރަންޓީނު ފެސިލިޓީތަކުގައި ޖާގަ އެބަހުރިކަމަށާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިރުޝާދާއެކު ކަރަންޓީން ފެސިލިޓީތަކުގެ ޖާގަ މިދަނީ އިތުރުކުރައްވަމުންކަމަށް ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއިން ކުރިއަށްގެންދާ ކޯވިޑް-19ގެ ޚާއްސަ ކަވަރޭޖުގައި ވާހަކަފުޅުދައްކަވަމުން ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިރުޝާދާއެކު ކުރިއަށް މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ކަރަންޓީނު ފެސިލިޓީތަކުގެ ޖާގަ މިހާރު އިތުރުކޮށްފައިވާކަމަށެވެ.

އެގޮތުން އިތުރު ރިސޯޓުތަކުގައި ކަރަންޓީނު ފެސިލިޓީތައް ޤާއިމްކުރުމަށް ޓޫރިޒަމްގެ ދާއިރާއާ ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާކަމަށް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ.

"މިވަގުތު 1200އަށްވުރެ ގިނަ ކޮޓަރީގެ ކަރަންޓީސް ފެސިލިޓީސްތައް ޤާއިމްކުރުމަށް ރިސޯޓުތަކުންވަނީ ދީފައި. މިހާރު އިސްކަން މިދެނީ މާލެއިން ފެނުނު ކޭހާ ގުޅިގެން ކަރަންޓީނުކުރަންޖެހޭ މިހުންނަށް، ރައީސްގެ އިރުޝާދާއެކު ދެގުނަކުރަން ޖެހުނަސް ޕައިލް ލައިންގައި އެބަހުރި އިތުރު ރިސޯޓުތައްވެސް ކަރަންޓީން ފެސިލިޓީތައް ޤާއިމްކުރުމަށް،" މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ.

މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވް މީހަކު ފެނުމާގުޅިގެން މިދަނޑިވަޅުގައި ރާއްޖެއަށް ދިވެހިން ގެނައުމުގެ މަސައްކަތް މަޑުޖައްސާލާފައިވާކަމަށާ، އެހެންނަމަވެސް ބަންގްލަދޭޝާއި ނޭޕާލްގައި ތިބި މެޑިސިން ކިޔަވާ ޑޮކްޓަރުން ރާއްޖެއަށް ގެންނައުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކަރަންޓީން ފެސިލިޓީސްތަކުގައި ހުރި ޖާގަ ދެގުނައަށް އިތުރު ކުރަންޖެހިއްޖެނަމަ އެކަމަށްވެސް ތައްޔާރުވަމުންދާކަމަށް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ.