ވިޔަފާރި

ކޯވިޑް-19: ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އޭޓީއެމުން ފައިސާ ނެގޭ އަދަދު ބީއެމްއެލްއިން އިތުރުކޮށްފި


ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެހީވުމަށް އޭޓީއެމުން ފައިސާ ނެގޭ އަދަދު އިތުރުކޮށް، ދިވެހިފައިސާ ބޭނުންކޮށްގެން ފައިސާ ފޮނުވޭ ގޮތް ބީއެމްއެލް އިން ހަމަޖައްސައިފިއެވެ.

ކޯޯވިޑް-19 އާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން ބީއެމްއެލްއިން ވަނީ އެބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކޮށްގެން ދުވާލަކު އޭޓީއެމުން ނެގޭ ފައިސާގެ އަދަދު 1000 ޑޮލަރާ ހަމަޔަށް އިތުރުކޮށްފައެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި އޭޓީއެމްތަކުން ފައިސާ ނަގާއިރު ބޭންކުން ނަގާފީ ނުވަތަ ކާޑު ނެޓްވޯކްތަކަށް ދައްކާ ފީ މިވަނީ 15 ރުފިޔާއަށް ކުޑަކޮށްފައެވެ. މީގެ އިތުރުން ކުރިއެކޭ އެއްގޮތަށް ކަސްޓަމަރުންނަށް ޕީއޯއެސް މެދުވެރިކޮށް ދުވާލަކު 600 ޑޮލަރުގެ ވިޔަފާރިކުރެވޭނެކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް އޭޓީއެމް މެދުވެރިކޮށް ކުރިން ނެގެނީ ދުވާލަކު 400 ޑޮލަރާ އެއްވަރުގެ އަދަދެކެވެ.

ބީއެމްއެލް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށްވެސްވަނީ ބަދަލުތަކެއް ގެނެވިފައެވެ. އެގޮތުން ކޮންމެ ކަސްޓަމަރަކަށްވެސް މަހެއްގެ މައްޗަށް 500 ޑޮލަރާ ހަމަޔަށް ދިވެހި ރުފިޔާ އެކައުންޓުން ފައިސާ ފޮނުވޭ ގޮތް މިވަނީ ހަމަޖައްސާފައެވެ. މިގޮތަށް ފައިސާ ފޮނުވުމުގައި ބީއެމްއެލް އިން އެއްވެސް ފީއެއް ނުނެގުމަށްވަނީ ނިންމާފައެވެ. ކަސްޓަމަރުން ދައްކަންޖެހޭނީ ހަމައެކަނި ފޮރިން ބޭންކް ޗާޖެވެ. އަދި މީގެ އިތުރުން ބީއެމްއެލް މޯބައިލް ޕޭ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށްވެސް ދިވެހި ފައިސާގެ ޑިޖިޓަލް ވޮލެޓް ބޭނުންކޮށްގެން 500 ޑޮލަރާ ހަމަޔަށް ފައިސާ ފޮނުވޭނެއެވެ. މި ޚިދުމަތް ލިބޭނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ކަނޑައަޅުއްވާފައިވާ އުސޫލްތަކާ އެއްގޮތަށް ރާއްޖެއިން ބޭރުގައި ހުންނަ އެމްބަސީތަކުގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކަށް ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މި ވަގުތަށް ކަނޑައެޅިފައިވާ އުސޫލްގެ ދަށުން މޭ މަހުގެ ނިޔަލަށް މި ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެކަމަށް ބީއެމްއެލުން ބުނެއެވެ. އަދި ބަދަލުވަމުން އަންނަ ހާލަތަށް ބަލައި، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ކޯވިޑް-19 ގެ ސަބަބުން ކުރިމަތިވާނެ ދަތިތަކުން އަރައިގަތުމަށް އެހީވެވޭނެ ގޮތްތައް ބަލަމުންދާނެ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.