ޚަބަރު

ކޯވިޑް-19 : ޑރ މުހައްމަދު ހައިކަލްގެ ނަސޭހަތް - ފާއިތުވި ދެހަފްތާގައި ދިޔަ ތަންތަނާއި ބައްދަލުވި މީހުން ލިސްޓްކުރޭ!


މާލޭގައި އާއްމުންގެ ތެރެއިން ކޯވިޑް-19އަށް ޕޮޒިޓިވް މީހުން ފެންނަށް ފަށާފައިވާތީ، ކޮންމެ މީހަކުވެސް ފާއިތުވި ދެހަފްތާގެ ތެރޭގައި އެމީހަކު ޒިޔާރަތް ކުރިތަންތަނާއި ބައްދަލުވި މީހުން ލިސްޓު ކުރުމަށް ޑރ މުހައްމަދު ހައިކަލްނަސޭހަތްތެރިވެ ވަޑައިގެންފިއެވެ،

އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވާ، ހަމުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރު، ޑރ މުހައްމަދު ހައިކަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ލޮކްޑައުންނާއި ގުޅިގެން އެންމެން ގޭގައި ތިބެން ޖެހިފައި ވާއރު، ކޮންމެ މީހަކުވެސް އެމީހަކު ފާއިތުވި ދެހަފްތާގެ ތެރޭގައި ޒިޔާރަތްކުރި ތަންތަނާއި ބައްދަލުވި މީހުން ލިސްޓު ކުރުމަކީ ބޭނުންތެރިކަމަށް ވާނެ ކަމަށެވެ.

އާއްމުންގެ ތެރޭގައި ކޯވިޑް-19 ފެތުރެން ފަށާފައިވާއިރު، މިގޮތަށް އެންމެން އަމަލުކޮށްފިނަމަ މިއީ ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް ވަރަބޮށްބޮޑު ފަސޭހައަކަށްވެސް ވެގެން ދާނެއެވެ،

ކޮންޓެކްޓް ޓްރޭސިންގ އަކީ ބަލި ފެތުރުން ހުއްޓުވުމަށް އަޅާ އެންމެ މުހިއްމު ފިޔަވަޅެވެ.

މާލެއިން އާއްމުންގެ ތެރެއިން އެންމެ ފުރަތަމަ ކޯވިޑް-19އަށް ޕޮޒިޓިވްވި މީހާގެ ދަރިފުޅަކާއި އިތުރު މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

އަދި އެއާއި ގުޅިގެން އެމީހުންނާއި ބައްދަލުވި މީހުން ހޯދުމަށް ކުރެވުނު މަސައްކަތުން 200ވުރެ ދިނަ މީހުން ދެނެގަނެވިފައިވާ ކަމުގައި ހެލްތު މިނިސްޓަރ އަބުދުﷲ އަމީން ވަނީ ވިދާޅުވެފައެވެ.

12 މާރިޗުގައި ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއި އެކު މީހުން މަގުމައްޗަށް ނުކުމެ ނޫޅުމަށާއި އެއްވުންތައް ނުބޭއްވުމަށް އެޗްޕީއޭއިން އެންގިނަމަވެސް ބައެއް މީހުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ.