ޚަބަރު

ކޯވިޑް-19 : މާލެއާއި ހުޅުމާލޭގެ 11 ގެއެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި


މާލެއާއި ހުޅުމާލޭގެ 11 ގެއެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ. މި ގެތައް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މާލެއިން ކޯވިޑް-19އަށް ފުރަތަމަ ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްފަހުގައި ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއާއެކު މި ގެތަކަށް ވަދެ ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ.

މޮނިޓަރިންގ ހާލަތަށް ގެނެސްފައިވާ ގެތައް:

  • ހުޅުމާލެ ލޮޓް 11090
  • ހ.ރަތްކުރެދި އާރު
  • މ.ފީރޯޒުގެ 6 ބީ
  • މ.ސޯސަންމާގެ
  • ހ.ފެނިގެއްލިދާގެ 7ވަނަ ބުރި
  • ހުޅުމާލެ ފްލެޓް، 6-2-02
  • އަމީން އެވެނިއު ޓީކް 905
  • މ.ނާގޫޝްވިލާ 2 ވަނަ ބުރި
  • މއ.އޯކިޑް

މި ގެތަކުގެ އިތުރުން މ.ޖަރީމާގެއާއި ހ. ރަތްކުރެދި އިމާރާތުގެ 4 ވަނަ ފަނގިފިލާ އާއި ސ.ހިތަދޫ ނޫމަސްވާދީގެ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަން ރޭ އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ. އަދި އައްޑޫސިޓީން 2 މީހަކާއި، ގދ.ވާދޫން 2 މީހަކު އައިސޮލޭޓްކޮށްފައިވާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ފުރަތަ މީހާއާ ސީދާ ދިމާވި 2 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ. މީގެ ތެރޭގައި އެ މީހާގެ ތުއްތު ދަރިފުޅުވެސް ހިމެނޭކަން އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ. އެޗްޕީއޭއިން ދަނީ އެ މީހާއާ ސީދާ ދިމާވި މީހުންނާއި މިކަމާ ގުޅުންހުރި އެއްވެސް މީހަކު ހުރިތޯ ބަލަމުންނެވެ.