ޚަބަރު

ކޯވިޑް-19 : ޚާއްސަ އިންތިޒާމްތަކެއްގެ ދަށުން މިއަދު ކުނި ނެގުމުގެ މަސައްކަތް ކުރާނެ: ވެމްކޯ


މާލެ ލޮކްޑައުންކުރުމާއި ގުޅިގެން ވެމްކޯއިން ކުނިނެގުމުގެ ޚިދުމަތް މެދުކަނޑާލާފައި އޮތުމަށްފަހު ޚާއްސަ ގަޑިތަކެއްގައި މިއަދުން ފެށިގެން ޚިދުމަތްދޭނެ ކަމުގައި އެކުންފުނިން ބުނެފިއެވެ.

ވެމްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވީ، މިހާރު ޚިދުމަތްދެމުން އަންނަ ގަޑިތަކަށް ޢާއްމުން ވީހެންމެ އަވަހަކަށް އަހުލުވެރިވެ ގަޑިއަށް ކުނި ނެރެދިނުމުގައި އެއްބާރުލުން ދެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

ވެމްކޯއިން ލޮކްޑައުންގެ މިދަނޑިވަޅުގައި ގޭބިސީތަކުން ކުނިނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ މެންދުނު 12އިން ފެށިގެން މެންދުރުފަހު 2 ޖެހުމާއި ދެމެދުގައެވެ. އަދި ވިޔަފާރިތަކާއި ކޮމަރޝަލް ގޮތުގައި ރަޖިސްޓަރކޮށްފައިވާ ތަންތަނުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9 އަކުން މެންދުރު 1 ޖެހުމާއި ހަމައަށް ކަމުގައި ވެމްކޯގެ މެނޭޖިންގ ޑައިރެކްޓަރ ވިދާޅުވިއެވެ. އަދި ކުންޏާއި ގުޅިގެން ޝަކުވާ ހުށައެޅުމާއި މަޢުލޫމާތު ސާފުކުރުމަށް ކޯލް ސެންޓަރުގެ ޚިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 10އަކުން ހަވީރު 4 ޖެހުމާއި ހަމައަށް ހުޅުވާފައި ހުންނާނެކަމަށް އޭނާ ވިދާޅުވެއެވެ. އަދި ވެމްކޯއިން ތިލަފުށީގައި ހުންނަ ވޭސްޓް ޔާޑް ހުޅުވާ އެތަނުން ޚިދުމަތްދިނުންވެސް މިއަދު މެންދުރު 1 އަކުން ފެށިގެން ކުރިއަށްދާނެކަމުގައި އޭނާ ވިދާޅުވިއެވެ.

އަދި މިވަގުތު ކޯވިޑް ނަވާރައާއި ގުޅިގެން އެޗްޕީއޭގެ އެންގުމާއެކު ބަންދުކޮށްފައިވާ ސަރަޙާއްދުތަކުގައި ހުރި ގޭބިސީތަކުން ކުނި ނެގުމަށް ދާނީ ޚާއްސަ ޓާސްކްފޯސް ޓީމެއްކަން ވެމްކޯއިން ފާހަގަކުރައްވައެވެ. އަދި މިސަރަޙައްދަތުތަކުގައި ހުރި ގޭބިސީތަކުން ކުނި ބޭރަށް ނެރުމަށް ނުނިކުތުމަށް ވެމްކޯއިން އިލްތިމާސްކުރައްވައެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖަރ ހައުސްހޯލްޑްސް ކަލެކްޝަން އަޙްމަދު ޝާން ވިދާޅުވީ މިއަދު ކުނި ނެގުމުގެ މަސައްކަތް ފަށާފައިވާއިރު ކުރިން އޮންނަ އުސޫލާ ޚިލާފަށް ވެމްކޯއިން ގޭބިސީތަކުގައި ހުރި ހުރިހާ ކުންޏެއް މިއަދު ގެންދާނެކަމަށެވެ. އަދި މިއީ ޚާއްސަ ޙާލަތެއްކަން ފާހަގަކުރައްވަމުން ޝާން ވިދާޅުވީ މިދަނޑިވަޅުގައި ގޭބިސީތަކުގައިހުންނަ ފަރުނީޗަރ ފަދަ ތަކެތި އުކާލުމުގެ ޚިދުމަތް މެދުކަނޑާލާފައިވާކަމަށެވެ. މިދަނޑިވަޅުގައި އުކައިދެނީ ހަމައެކަނި ގޭގައި އުފެދޭ ކުނިވާޒާތުގެ ކުންޏާއި ޢާއްމު ކުނިކަމަށާއި މިފަދަ ތަކެތި ރަނގަޅަށް ޕެކްކޮށްފައި ބެހެއްޓުމަށް ޝާންވަނީ އިލްތިމާސްކުރައްވާފައެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް މިދުވަސްވަރު ގޭގައި ހުންނަ ފަރުނީޗަރާއި އައިސްއަލަމާރިފަދަ ތަކެތި ބޭރަށް ނުލުމަކީ. މިއީ ޚާއްސަ ޙާލަތެއް، އެހެންވީމަ މިދުވަސްވަރު ގޭގައި އުފެދޭ ޢާއްމު ކުނީގެ ބާވަތުގެ ކުނި ރަނގަޅަށް ޕެކްކުރުމަށްފަހު ބޭރަށް ނެރެއްދެއްވުމުން އަޅުގަނޑުމެންގެ ޓީމުތަކުން އެކުނި ކަލެކްޓްކުރާނެ. އަޅުގަނޑު ބުނެލަންބޭނުން، އެޗްޕީއޭއިން ބަންދުކޮށްފައިވާ ބައެއް ސަރަޙައްދުތަކުގައި ހުރި ގޭބިސީތަކުން ބޭރަށް ކުނި ނުލުމަށް އަޅުގަނޑުމެން އެދެން. އެބޭފުޅުން ގެ ގޭބިސީތަކަށް ދާނެ އަޅުގަނޑުމެންގެ ސްޕެޝަލް ޓާސްކްފޯސްގެ ޓީމުތައް ކުނި ނެގުމަށް. މިފަދަ ތަންތަން މާލެއެކޭ އެއްގޮތަށް ހުޅުމާލެ އަދި ވިލިމާލޭގައިވެސް އަޅުގަނޑުމެން ޢަމަލުކުރަމުންގެންދާނެ." ވެމްކޯގެ މެނޭޖަރ ހައުސްހޯލްޑްސް ކަލެކްޝަން އަޙްމަދު ޝާން ވިދާޅުވިއެވެ.

ކޯވިޑް ނަވާރައިގެ ސަބަބުން ދިމާވެފައިމިވާ ޚާއްސަ ޙާލަތުގައި ކުނި ނެގުމުގެ ކަންކަން އެންމެ ރަނގަޅަށް ކުރިއަށް ގެންދިޔުމަށް ޢާއްމުންގެ އެހީތެރިކަމަށް ވެމްކޯއިން ވަނީ އެދިފައެވެ. އެގޮތުން މިވަގުތު ރަޖިސްޓަރ ނުކޮށްހުރި ކޮމަރޝަލް ތަންތަނުން ރަޖިސްޓަރވުމަށް އެކުންފުނިން އިލްތިމާސްކޮށްފައި ވެއެވެ.