ޚަބަރު

ކޯވިޑް-19 : ތަފާތުތައް ނައްތާލައި ހުރިހާ ޤައުމެއް އެކުގައި މަސައްކަތް ކުރަންޖެހޭ - ޓެޑްރޮސް


މި ދަނޑިވަޅުގައި ހުރި ތަފާތުތައް ނައްތާލާ ހުރިހާ ޤައުމެއް އެކުގައި މަަސައްކަތް ކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ގޮވާލައްވައިފިއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިއޭސުސް މިކަމަށް ގޮވާލާފައިވަނީ، އެ ޖަަމްޢިއްޔާއަށް އެމެރިކާއިން ދެމުންދިޔަ މާލީ އެހީތެރިކަން ކަނޑާލުމާއި ގުޅިގެން މިކަމަށް ރައްދުދެއްވާ ވާހަކަދައްކަވަމުންންވެ.

ކޯވިޑް-19ގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިއޭސުސް ވަނީ، މިފަދަ ނާޒުކު ދަނޑިވަޅެއްގައި އެމެރިކާއިން އެޖަމްޢިއްޔާއަށް ދޭ އެހީ މެދުކަނޑާލުމަކީ ހިތާމަކުރައްވާކަމެއްކަމުގައި ވިދާޅުވެފައެވެ. މި ދަނޑިވަޅުގައި ސިޔާސީ ޚިޔާލުތަފާތުވުން ނައްތާލާ ކޯވިޑް-19އާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި އެންމެން އެކަތިގަނޑަކަށްވުމަށް ޓެޑްރޯސް ގޮވާލެއްވިއެވެ.

ވައިޓްހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ޑަބްލިއުއެޗްއޯއިން އެ ޖަމްޢިއްޔާގެ ޒިންމާ ޢަދާކުރުމަށް ނުކުޅެދިފައިކަމަށް ވިދާޅުވެފައެވެ. އަދި ބަލިމަޑުކަން އެންމެ ފުރަތަމަ ފެތުރެންފެށި ޗައިނާއިން ދިން ޞައްޙަނޫން މަޢުލޫމާތަށް ޑަބްލިއުއެޗްއޯއިން ހިތްވަރު ދީފައިވާކަމަށް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވާފައެވެ. ޓްރަމްޕް ވަނީ މުޅި ދުނިޔެއަށް ހަލުވިކަމާއެކު ކޯވިޑް-19 ފެތުރުނު ސަބަބަކީ މިއީކަމަށްވެސް ވިދާޅުވެފައެވެ. އަދި އެދެވޭ ބަދަލުތަކެއް ގެނައުމަށް ޑަބްލިއުއެޗްއޯއާއެކު މަސައްކަތް ކުރައްވާނެކަމަށާއި އެޖަމްޢިއްޔާއިން ހަދާފައިވާ ގޯސްތައް އިތުރަށް ތަހުޤީޤުކޮށް ނިމެންދެން މާލީ އެހީތެރިކަން ނުދޭނެކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ މި ނިންމުން ގިނަ ބަޔަކުވަނީ ކުށްވެރިކޮށްފައެވެ. އެގޮތުން އދގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭޝް ވިދާޅުވީ މިވަގުތަކީ ކޯވިޑް-19އާ ދެކޮޅަށް މަސައްކަތްކުރަމުންދާ ޖަމްޢިއްޔާއަކަށް ދޭ އެހީތެރިކަން ކަނޑާލަންވީ ވަގުތެއް ނޫންކަމަށެވެ. އަދި މިއީ ދުނިޔޭގެ ހުރިހާ ޤައުމަކުން ބަލިމަޑުކަމާ ދެކޮޅަށް އެކުގައި މަސައްކަތްކުރަންވީ ވަގުތުކަމަށް އޭނާ ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯގެ ބަޖެޓަށް ބޭނުންވާ ފައިސާގެ 15 އިންސައްތަ ހަމަޖައްސަނީ އެމެރިކާއިންނެވެ. އެޤައުމުން ދެމުންދިޔަ އެހީތެރިކަން މިހާރުން މިހާރަށް ކަނޑާލައިފިނަމަ ދުނިޔޭގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވާނެކަމަށް ޞިއްޙީ މާހިރުން ބުނެއެވެ.