ޚަބަރު

ބިދޭސީންގެ ރައްކާތެރިކަމަށް ސަރުކާރުން ކުރާ މަސައްކަތް ޔޫއެން މައިގްރޭޝަން ޗީފްއާ ހިއްސާކޮށްފި


ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ނަގަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު އދ.ގެ މައިގްރޭޝަންގެ ވެރިޔާއާ އެންޓޯނިއޯ ވިޓޯރީނޯއާ ހިއްސާ ކުރައްވައިފިއެވެ.

އދ.ށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ހާލާ ހަމީދު އދގެ މައިގްރޭޝަންއާއި ބެހޭ އިދާރާގެ ވެރިޔާ، އެންޓޯނިއޯ ވިޓޯރީނޯއާއި މިމަޢުލޫމާތު ހިއްސާ ކުރެއްވީ ވާރޗުއަލްކޮށް ބޭއްވި ބައްދަލުވުމެއްގައެވެ. މިބައްދަލުވުމުގައި ސަފީރު ހާލާ ވަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ސަރުކާރުން ކަނޑައަޅާ އުސޫލުތަކާއި، މިދަނޑިވަޅުގައި ފިޔަވަޅުތައް އެޅުމުގައި ބިދޭސީ މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކުރުމަށް ކުރާ މަސައްކަތުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

އެގޮތުން ކޯވިޑް 19 ރާއްޖޭގައި ފެތުުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް އަޅަމުންދާއިރު ތަފާތުކުރުމެއްނެތި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ޚިދުމަތް ފޯރުވައިދިނުމަށާއި އަސާސީ ބޭނުންތައް ފުއްދާދިނުމަށް ކުރަމުންދާ މަސައްކަތުގެ މައުލޫމާތުވެސް ހާލާ ހިއްސާކުރެއްވިއެވެ.

އަދި މިދަނޑިވަޅުގައި އަމިއްލަ ޤައުމަށް އެނބުރި ދާން ބޭނުންވާ ބިދޭސީންނަށް ރާއްޖޭގެ ސަރުކާރުގެ އިސްނެންގެވުމުގެ މަތިން އެހީވަމުންދާކަން ފާހަނގަކުރައްވާ ހާލުގައި ދިރިއުޅެމުންދާ ބިދޭސީންނަށް ރަނގަޅު ބޯހިޔާވަހިކަން ހޯދާދިނުމަށްވެސް މަސައްކަތްކުރަމުންދާކަން ހާލާވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ބެލެހެއްޓުމަށްޓަކާ ކަމާބެހޭ ފަރާތްތަކުން ދަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ. އެގޮތުން ބިދޭސީ މަސައްކަތްތެރިންނަށް މައުލޫމަތާއި އެހީފޯރުވައިދިނުމަށް އެމީހުންގެ އަމިއްލަ ބަހުން ދަނީ މެސެޖްތައް ދެމުންނެވެ.