ޚަބަރު

ކޯވިޑް-19 : ރާއްޖެއަށް ބޭނުންވާ އެހީ ހޯދުމަށް ޔޫއެންޑީޕީގެ މަދަދައް އެދިއްޖެ


މި ދަނޑިވަޅުގައި ރާއްޖެއަށް ބޭނުންވާ އެހީ ހޯދުމަށް ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް، ޔޫއެންޑީޕީގެ މަދަދައް ރާއްޖެއިން އެދިއްޖެއެވެ.

ރާއްޖެއިން މި އެހީއަށް އެދިފައިވަނީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ޔޫއެންޑީޕީގެ ސެކެޓްރީ ޖެނެރަލް އާޚިމް ސްޓެއިނަރއާއި ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ، މާލެއިން ކޯވިޑް-19ގެ ކޭސްތަކެއް ފެނުމާ ގުޅިގެން އެ ބަލި ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔަ ނުދިނުމަށް ރާއްޖެއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތަފްސީލު ޔޫއެންޑީޕީގެ ސެކެޓްރީ ޖެނެރަލްއާއި ހިއްސާކުރައްވާފައެވެ. މި ދަނޑިވަޅުގައި ކުދި އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެހީތެރިކަން ބޭނުންވާ މިންވަރު އިތުރުވާނެކަން ފާހަގަކުރައްވާ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ ރާއްޖޭގެ މިހާރުގެ ހާލަތު ހިއްސާކުރައްވާފައެވެ.

އެގޮތުން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކޯވިޑް-19ގެ ސަބަބުން ބޮޑު ގެއްލުންތަކެއް ކުރިމަތިވެފައިވާއިރު، މިކަމުން އަރައިގަތުމައްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީ އިންތިހާއަށް ބޭނުންވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ޝާހިދުވަނީ، މި ދަނޑިވަޅުގައި ރާއްޖެއަށް ބޭނުންވެފައިވާ އެހީ ހޯދުމަށްޓަކައި ޔޫއެންޑީޕީއިން އިއުލާންކޮށްފައިވާ "ޔޫއެންޑީޕީ ކޯވިޑް-19 އިންޓަގްރޭޓެޑް ރެސްޕޮންސް އޮފަރ"އަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ރާއްޖެއިން ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

މިއެހީގެ ދަށުން މިވަގުތު ރާއްޖެއަށް ބޭނުންވެފައިވާ ސިއްޙީ ސާމާނު ގަތުމާއި، ދިގު މުއްދަތުގައި ދިމާވެދާނެ އިޤްތިޞާދީ ލޮޅުމުން އަރައިގަތުމަށް މަސައްކަތްކުރުން ހިމެނެއެވެ. ފޮރިން މިނިސްޓަރ ޝާހިދު ވަނީ ޔޫއެންޑީޕީއިން ރާއްޖެއަށް ވޭތުވެދިޔަ ތަނުގައި ވެދީފައިވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

ފޮރިން މިނިސްޓަރ ކުރެއްވި ޓުވީޓް

ރާއްޖެއަށް ބޭނުންވާ އެހީ ހޯދުމަށް ޔޫއެންޑީޕީގެ މަދަދައް އެދިފައިވާއިރު، ޔޫއެންޑީޕީގެ އިސްވެރިން އޮންލައިންކޮށް ބޭއްވި ވީޑިއޯ ކޮންފަރެންސެއްގައި ފޮރިން މިނިސްޓަރ ޝާހިދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. ޔޫއެންޑީޕީގެ ސެކެޓްރީ ޖެނެރަލް އާޚިމް ސްޓެއިނަރ ބައިވެރިވެވަޑައިގެންނެވި މި ކޮންފަރެންގައިވެސް ކުދި ޤައުމުތަކަށް މި ދަނޑިވަޅުގައި ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތަކަށް މިނިސްޓަރ ވަނީ އަލިއަޅުއްވާލައްވަވާފައެވެ.