 
					
									
			ކޮވިޑް-19އާ ގުޅިގެން އެއަރލައިންތަކަށް ލިބެމުންދާ ގެއްލުމަކީ އަންދާޒާކުރި ވަރަށްވުރެވެސް ބޮޑު ގެއްލުމެއްކަމަށް އިންޓެނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއެޝަން، އަޔާޓާއިން ހާމަކޮށްފިއެވެ. 
ވައިގެ އުދުހުންތަކާބެހޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ، އަޔާޓާއިން ބުނީ ކޯވިޑްއާ ގުޅިގެން އެއަރލައިންތަކަށް މިހާރުވެސް 314 ބިލިއަން ޑޮލަރުގެ ގެއްލުން ކުރިމަތިވެފައިވާކަމަށެވެ. އަދި މިއީ ކުރިން އަންދާޒާކުރި ވަރަށްވުރެ 25 އިންސައްތަ އިތުރ އަދަދެއްކަމަށް އަޔާޓާއިން ބުނެއެވެ. 
އެއަރލައިންތަކަށް 314 ބިލިއަން ޑޮލަރުގެ ގެއްލުން ކުރިމަތިވެފައިވާއިރު، މިދިޔަމަހު އަޔާޓާއިން ލަފާކުރީ އެއަރލައިންތަކަށް ކުރިމަތިވާނީ 252 ބިލިއަން ޑޮލަރުގެ ގެއްލުންކަމަށެވެ. އަދި އެއަރލައިންތަކަށް މިއަހަރުގެ ލިހާތަނަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 55 އިންސައްތަ ދަށަށް ގޮސްފައިވާކަމަށްވެސް އަޔާޓާއިން ބުނެއެވެ. 
އަޔާޓާއިން ބުނާގޮތުން އެއަރލައިންތަކަށް މިހާ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހުނީ ކޯވިޑްއާ ގުޅިގެން އިޤްތިޞާދަށް އަންނަމުންދާ ހީނަރުކަމުންނާއި އިންޓަނޭޝަނަލް ފްލައިޓްތަކުގެ އޮޕަރޭޝަންތައް ނުފެށި ލަސްވަމުންދިއުމުގެ ސަބަބުންނެވެ. އަޔާޓާއިން ބުނާގޮތުން އެއަރލައިންތަކަށް ކޮންމެ ދުވަހަކުވެސް މާލީގޮތުން ގެއްލުންވަމުންދާއިރު، މިކަމުން އަރައިގަތުމަށް ގިނަ ދުވަސްތަކެއް ނަގާނެކަމަށެވެ. 
އަޔާޓާއިން ބުނީ ވީ އެންމެ އަވަހަކަށް އެއަރލައިންތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށެވެ. އެހެން ނޫންނަމަ މިހާރު ކުރިމަތިވަމުންދާ ގެއްލުމަށްވުރެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިދާނެކަމަށް އަޔާޓާއިން ލަފާކުރެއެވެ. 
އޭޕްރިލް މަހުގެ ނިޔަލަށް ވައިގެ އުދުހުންތައް އޭގެ ކުރީ އަހަރާ އަޅާބަލާއިރު 80 އިންސައްތަ ދަށަށް ގޮސްފައިވާއިރު، އެއަރލައިންތަކުގެ އުދުހުން އަލުން ފެށޭނެ ގޮތަކާމެދު ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާކަމަށް އަޔާޓާއިން ބުނެއެވެ. މީގެއިތުރުން އެއަރލައިންތަކަށް އެހީވުމަށް ސަރުކާރުތަކަށް ބާރުއެޅުމަށް އަޔާޓާއިން ދަނީ ޤައުމުުތަކުގެ ކަމާބެހޭ ފަރާތްތަކާވެސް ބައްދަލުކުރަމުންނެވެ. އެގޮތުން އެއަރލައިންތައް ބަނގުރޫޓުވިޔަ ނުދިނުމަށްޓަކާ އެފަރަތްތަކަށް ލޯނާއި، ލޯނު ގެރެންޓީ، އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް އަޔާޓާއިން ބާރު އަޅާނެއެވެ. 
ވައިގެ އުދުހުންތަކާބެހޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ، އަޔާޓާއަކީ ދުނިޔޭގެ 290 އެއަރލައިނެއް ހިމެނޭ ޖަމުޢިއްޔާއެކެވެ.