ޚަބަރު

މާލެއިން 3 ވަނަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ


މާލެއިން 3 ވަނަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

މި މީހާއަކީ މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ފުރަތަ މީހާއާ ސީދާ ދިމާވި މީހެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެ މީހާ މިހާރު ހުރީ އެކަހެރިކޮށްފައި ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

މި މީހާއަކީ މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި 8 ވަނަ ދިވެއްސެވެ.

މާލެއިން ކޯވިޑް-19 ދެވަނައަށް ޖެހިފައިވަނީ މި ބައްޔަށް ފުރަތަމަ ޕޮޒިޓިވްވި އަންހެން މީހާގެ ތުއްތު ދަރިފުޅުކަން އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ. އެޗްޕީއޭއިން ދަނީ އެ މީހާއާ ސީދާ ދިމާވި މީހުންނާއި މިކަމާ ގުޅުންހުރި އެއްވެސް މީހަކު ހުރިތޯ ބަލަމުންނެވެ.

އެގޮތުން އެމީހާ އާ ސީދާ ދިމާވި މީހުންގެ ގޮތުގައި ފާހަގަވި 14 މީހެއްގެ ގައިން ކޯވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން އެމީހުން ހުޅުލޭ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް އެޗްޕީއޭއިން ވަނީ ފަށާފައެވެ.

މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ފުރަތަމަ މީހާއާއި ސީދާ ދިމާވި މީހުންގެ ތެރެއިން ސާމްޕަލް ނެގުނު 10 މީހަކު ބައްޔަށް ނެގެޓިވް ވެފައިވާކަންވެސް އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ. އަދި ބަލި ޖެހުނު މީހާގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، އެ މީހާއާއި ގުޅުންހުރި ހަތަރު ގެއެއް ފާހަގަކުރެވި، އެމީހާއާ ސީދާ ދިމާވި ފަންސާހަށްވުރެ ގިނަ މީހުން އައިސޮލޭޓްކޮށްފައިވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ. މި މީހުންނަކީ 4 ގެއަކަށް ނިސްބަތްވާ މީހުން ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެގޮތުން މ.ޖަރީމާގެ މޮނިޓަރިންގެ ހާލަތަށް ގެންގޮސް، އެގެޔަށް މީހުންނަށް ވަދެ ނިކުމެ އުޅުންވެސް ވަނީ މަނާކޮށްފައެވެ. އަދި ބަލި މީހާ ޑޮކްޓަރަށް ދައްކަން ދިއުމުގެތެރޭގައި ދިމާވި މީހުންވެސް ދެނެގަންނަނަމުންދާކަމަށާ، އިތުރު ބަޔަކުވެސް އައިސޮލޭޓްކުރަން ޖެހިދާނެކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހ. ރަތްކުރެދި އިމާރާތުގެ 4 ވަނަ ފަނގިފިލާ އާއި ސ.ހިތަދޫ ނޫމަސްވާދީގެ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި އައްޑޫސިޓީން 2 މީހަކާއި، ގދ.ވާދޫން 2 މީހަކު އައިސޮލޭޓްކޮށްފައިވާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.