ޚަބަރު

ކޯވިޑް-19 : މާލެއިން ޕޮޒިޓިވްވި މީހާއާ ސީދާ ދިމާވި 14 މީހަކު އެކަހެރި ކުރުމުގެ މަސައްކަތް ފަށައިފި


ކޯވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި 14 މީހަކު ހުޅުލޭ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި 14 މީހުންނަކީ މިއަދު މާލެއިން ޕޮޒިޓިވްވި މީހާ އާ ސީދާ ދިމާވި މީހުންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މާލެއިން ކޯވިޑް-19އަށް އިތުރު މީހަކު ޕޮޒިޓިވް ވެފައިވާކަން އެޗްޕީއޭއިން މިރޭ ވަނީ ހާމަކުރައްވާފައެވެ. މި ބައްޔަށް ދެވަނައަށް ޕޮޒިޓިވް ވެފައިވަނީ މި ބައްޔަށް މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާގެ ތުއްތު ދަރިފުޅެވެ. އެޗްޕީއޭއިން ވިދާޅުވީ އެ ތުއްތު ކުއްޖާވެސް މިހާރު އައިސޮލޭޓްކޮށް ފަރުވާ ދެމުންދާކަމަށެވެ.

މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ފުރަތަމަ މީހާއާއި ސީދާ ދިމާވި މީހުންގެ ތެރެއިން ސާމްޕަލް ނެގުނު 11 މީހުންގެ ތެރެއިން 10 މީހުން ބައްޔަށް ނެގެޓިވް ވެފައިވާކަންވެސް އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ. އަދި ބަލި ޖެހުނު މީހާގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، އެ މީހާއާއި ގުޅުންހުރި ހަތަރު ގެއެއް ފާހަގަކުރެވި، އެމީހާއާ ސީދާ ދިމާވި 55 މީހަކު އައިސޮލޭޓްކޮށްފައިވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ. މި މީހުންނަކީ 4 ގެއަކަށް ނިސްބަތްވާ މީހުން ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

މީގެ އިތުރުން މ.ޖަރީމާގެ މޮނިޓަރިންގެ ހާލަތަށް ގެންގޮސް، އެގެޔަށް މީހުންނަށް ވަދެ ނިކުމެ އުޅުންވެސް ވަނީ މަނާކޮށްފައެވެ. އަދި ބަލި މީހާ ޑޮކްޓަރަށް ދައްކަން ދިއުމުގެތެރޭގައި ދިމާވި މީހުންވެސް ދެނެގަންނަނަމުންދާކަމަށާ، އިތުރު ބަޔަކުވެސް އައިސޮލޭޓްކުރަން ޖެހިދާނެކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.

ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގެ ދަށުން އައްޑޫސިޓީން 2 މީހަކާއި، ގދ.ވާދޫން 2 މީހަކު އައިސޮލޭޓްކޮށްފައިވާކަމަށްވެސް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ.