ޚަބަރު

ކޯވިޑް-19 : މާލެއިން ދެވަނައަށް ޕޮޒިޓިވް ވީ، ފުރަތަމަ ބަލި ޖެހުނު މީހާގެ ތުއްތު ދަރިފުޅު


މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ދެވަނަ މީހަކީ، މި ބައްޔަށް މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާގެ ތުއްތު ދަރިފުޅުކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ފުރަތަމަ މީހާއާއި ސީދާ ދިމާވި މީހުންގެ ތެރެއިން ސާމްޕަލް ނެގުނު 11 މީހުންގެ ތެރެއިން 10 މީހުން ބައްޔަށް ނެގެޓިވް ވެފައިވާކަމަށެވެ.

މިއަދު މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މިހާއާއި ގުޅުންހުރި ހަތަރު ގެއެއް ފާހަގަކުރެވި، އެމީހާއާ ސީދާ ދިމާވި 55 މީހަކު އައިސޮލޭޓްކޮށްފައިވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ. މި މީހުންނަކީ 4 ގެއަކަށް ނިސްބަތްވާ މީހުން ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ބަލި މީހާ ޑޮކްޓަރަށް ދައްކަން ދިއުމުގެތެރޭގައި ދިމާވި މީހުންވެސް ދެނެގަންނަނަމުންދާކަމަށާ، އިތުރު ބަޔަކުވެސް އައިސޮލޭޓްކުރަން ޖެހިދާނެކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ.

ޕޮޒިޓިވްވި މީހާއާ ގުޅުންހުރި ބައެއް މީހުން އެކި ރަށްރަށުގައި ތިބިކަން ފާހަގަކުރެވިފައިވާއިރު، އައްޑޫސިޓީން 2 މީހަކާއި، ގދ.ވާދޫން 2 މީހަކު އައިސޮލޭޓްކޮށްފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވޭ.

މިހާރު ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުންދަނީ 4 ދިވެހިންނެވެ.