ޚަބަރު

ކޯވިޑް-19 : 270އަށްވުރެ ގިނަ ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭ


ކޯވިޑް-19އަށް ޝައްކުކުރެވިގެން ރާއްޖެއިން ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 270އަށްވުގެ ގިނަ ސާމްޕަލްގެ ނަތީޖާ ނުލިބި އެބަހުރިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވައިފިއެވެ.

އެޗްޕީއޭއިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން މިހާތަނަށް ރާއްޖެއިން ވަނީ ކޯވިޑް 19އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ހުރެގެން 3365 ސާމްޕަލް ނަގާފައެވެ. އޭގެ ތެރެއިން ކޯވިޑް-19އަށް ނެގެޓިވް ވެފައިވަނީ 3069 ސާމްޕަލެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް ނަތީޖާ ލިބުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 22 މީހެކެވެ.

ކޯވިޑް-19އަށް ނެގިފައިވާ ސާމްޕަލްތަކުގެ ތެރެއިން މިހާތަނަށް ނަތީޖާ ނުލިބި ލެބޯރިޓީގައި ވަނީ 274 ސާމްޕަލެވެ. މި ސާމްޕަލްތަކުގެ ތެރެއިން ގިނަ ސާމްޕަލްތަކުގެ ނަތީޖާ މާދަމާ ލިބޭނެކަމަށް ބެލެވެއެވެ. ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި 22 މީހުންގެ ތެރެއިން 15 މީހުންނަކީ ބިދޭސީ މީހުންނެވެ. 7 މީހުންނަކީ ދިވެހިންނެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ބަލީގައި ފަރުވާ ދެމުންދަނީ 3 މީހަކަށެވެ.

މިވަގުތު ކަރަންޓީން ފެސިލިޓީސްތަކުގައި 965 މީހަކު ތިބިއިރު އައިސޮލޭޝަން ފެސިލިޓީސްތަކުގައި ތިބީ 13 މީހެކެވެ.