ޚަބަރު

ބަންގްލަދޭޝް އިން ރާއްޖެއަށް އެހީގެ ގޮތުގައި 100 މެޓްރިކް ޓަނުގެ ކާބޯތަކެއްޗާއި ސިއްޙީ ސާމާނު


ބަންގްލަދޭޝް އިން ރާއްޖެއަށް އެހީގެ ގޮތުގައި ދޭ ސަތޭކަ މެޓްރިކް ޓަނުގެ ކާބޯތަކެއްޗާއި ބޭހާއި ބައެއް މެޑިކަލް އިކުއިޕްމަންޓް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ބަންގްލަދޭޝްގެ އަސްކަރީ މަނަވަރެއްގައި ރާއްޖެއަށް ގެންނަ ތަކެތީގެ ތެރޭގައި ކާޑުގެ ބާވަތްތަކާއި ރާއްޖޭގައި ކެއުމަށް އާއްމުކޮށް ބޭނުންކުރާ މޭވާއާއި ތަރުކާރީގެ އިތުރުން ބޭހުގެ ބާވަތްތައް ހިމެނެއެވެ. މީގެ ިއތުރުން ކޯވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ބޭނުންކުރާ ބައެއް މެޑިކަލް އިކުއިޕްމަންޓްވެސް މިތަކެތީގެ ތެރޭގައި ހިމެނެއެވެ.

ރައްޖެއަށް ބޭނުންވާ އެހީ ހޯދުމަ ބެހޭ ގޮތުންނާއި ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާކުދިން އަނބުރާ ރާއްޖެ ގެނައުމައި ބެހޭގޮތުން މިދިޔަ ދެ ހަފްތާ ތެރޭ 2 ފަހަރެއްގެ މަތިން އެ ޤައުނުގެ ފޮރިން މިނިސްޓަރަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ގުޅުއްވައި ވަނީ މަޝްވަރާކުރައްވާފައެވެ. މިފަދަ ދަނޑިވަޅެއްގައި ބަންގްލަދޭޝްއިން ފޯރުކޯށްދޭ މި އެހީތެރިކަމާއި ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ ދެ ޤައުމުގެ ދެމެދުގައު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން ބަންގްލަދޭޝްއަށްވެސް ދަތިތަކެއް ދިމާވެފައިވަނިކޮށް ރާޢްޖެއަށް މިތަކެތި ހަދިޔާ ކުރަން ނިންމާފައިވަނީ ރާއްޖެއާއި އެޤައުމާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުންކަމަށް ބަންގްލަދޭޝްގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ކޯވިޑް-19އާ ގުޅިގެން ޤައުމުތަކުން ރާއްޖެއަށް އެހީވަމުންދާއިރު މީގެ ކުރިން އިންޑިއާއިންވެސް ވަނީ ކާޑުގެ ބާވަތްތަކާއި ބައެއް ބޭސް ހަދިޔާކޮށްފައެވެ. މީގެ ތެރޭގައި ފަސް ސަތޭކަ މެޓްރިކް ޓަނުގެ ހަކުރާއި ނުވަ ސަތޭކަ ނުވަދިހަ ތިން މެޓްރިކް ޓަނުގެ ހަނޑޫ ހިމެނެއެވެ. އިންޑިއާގެ އިތުރުން ޗައިނާއާއި އިނގިރޭސި ވިލާތުންވެސް ވަނީ ރާއްޖެއަށް ބޭނުންވާ ބޭހާއި މެޑިކަލް އިކުއިޕްމަންޓް ހަދިޔާ ކޮށްފައެވެ.

ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީގޮތުން ބޭނުންވާ ބޭސް ރަނގަޅުމިންވަރަކަށް ރާއްޖޭގައި އެބަހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.