ކޯވިޑް ނަވާރައަށް ޕޮޒިޓިވްވި މީހަކު މާލެއިން ފެނުމާއި ގުޅިގެން ސިއްޙީ ޚިދުމަތްދޭ ތަންތަނުންދެމުން އަޢި ޚިދުމަތްތަކަށް ބަދަލުގެނެސްފިއެވެ.
އެގޮތުން އައިޖީއެމްއެޗާއި އޭޑިކޭގެ އިތުރުން ޢާއްމު ކްލިނިކްތަކުންދޭ ޚިދުމަތްތަކަށް ވަނީ ބަދަލުގެނެސްފައެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އޭޑިކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްޢާލް ވިދާޅުވީ މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން ސިއްޙީ ޚިދުމަތްދޭ ފަރާތްތަކާއި ޚިދުމަތް ހޯދާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކާ މިވަގުތު ދެމުން އައި ގޭގެއަށް ގޮސްގެން ފަރުވާ ދިނުމުގެ ޚިދުމަތާއި ލެބޯޓަރީ ސާމްޕަލް ނެގުމަށް ގޭގެއަށް ދިޔުން ވަގުތީ ގޮތުން ހުއްޓަލާފައި ވާކަމަށެވެ. އެހެންނަމަވެސް ސްޕެޝަލިސްޓުންނާއި ސުޕަރ ސްޕެޝަލިސްޓުންނަށް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އައްފާލް ވިދާޅުވިއެވެ. އަދި ލޮކްޑައުންއާ ގުޅިގެން ހޮސްޕިޓަލުން ދެމުންގެންދާނީ އިމަރޖެންސީ ފަރުވާތަކާއި މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ފަރާތްތަކަށްކަމަށް އަފްޢާލް ވިދާޅުވިއެވެ.
އެގޮތުން ބަލިމީހާ ކައިރީގައި މަޑުކުރެވޭނީ އެންމެ މީހަކަށް ކަމަށާއި ބަލިމީހުނަށް ޒިޔާރަތްކުރުން މިވަގުތު ހުއްޓުވާފައި ވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހޮސްޕިޓަލަށް އަންނަ ފަރާތްތަކަށް ހޮސްޕިޓަލަށް ވަދެވޭނީ ޚާއްސަ ސްކްރީނިންގއަކަށް ފަހުގައި ކަމަށާއި ހުމާ ރޯގާގެ އަލާމާތެއް ހުރި މީހެއްނަމަ އެމީހަކު ފްލޫ ކްލިނިކަށް ވަގުތުން ފޮނުވޭނެކަމަށް އޭޑިކޭ ހޮސްޕިޓަލުން މައުލޫމާތުދެއްވައެވެ.
މާލެއިން ކޯވިޑް ނަވާރައަށް ޕޮޒިޓިވްވި މީހަކު ފެނުމާއި ގުޅިގެން މާލެ ލޮކްޑައުންކުރުމާއި ގުޅިގެން ކޮންމެހެން ދޭންޖެހޭ އެމަރޖެންސީ ޚިދުމަތްފިޔަވާ އެހެން އޯޕީޑީތަކުގެ ޚިދުމަތް އައިޖީއެމްއެޗުންވެސްވަނީ މެދުކަނޑާލާފައެވެ. ކޯވިޑް ނަވާރައިން ރައްކާތެރިވުމަށް އައިޖީއެމްއެޗުންވަނީ ދުރާލާ ބޮޑެތި ފިޔަވަޅުތަކެއް އަޅާފައެވެ.
އެގޮތުން ހޮސްޕިޓަލަށް ކޮންމެހެން ދާން ޖެހޭ މީހުން ނޫންމީހުން ހޮސްޕިޓަލަށް ނައުމަށް އިރުޝާދުދީފައިވާއިރު ހޮސްޕިޓަލަށް ވަދެ ނިކުތުމުގައި ސްކްރީނިން ފެށުމާއި ބަލި މީހުނަށް ޒިޔާރަތްކުރުން އެހޮސްޕިޓަލުންވަނީ މެދުކަނޑާލާފައެވެ.
ލޮކްޑައުންގެ މިޙާލަތުގައިވެސް އެކި ބަލިތަކާއި ގުޅިގެން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު އާސަންދައިންވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން މާލޭގެ ނުވަ ކްލިނިކަކުން އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަން އާސަންދައިންވަނީ ހާމަކޮށްފައެވެ. އެގޮތުން އޭޑިކޭއާއި ކުލުނު ކްލިނިކާއި ޕްރައިމެކްސް މެޑިކެއާ އާއި ފެމިލީ ކެއާއާއި އިމޭޖް ސެންޓަރާއި އިންސްޓިޓިއުޓް އޮފް މެންޓަލް ވެލްބީންގ އާއި އައިކެއަރ ހޮސްޕިޓަލާއި ފަސްޓްކެއަރ މެޑިކަލް ސެންޓަރާއި ސެނެހިޔާ ހޮސްޕިޓަލުން އޮންލައިން ޚިދުމަތް ދެމުންގެންދާނެކަމަށް އާސަންދައިން މައުލޫމާތުދެއެވެ.