ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވްވި މިހަކާއި ސީދާ ގުޅުމެއްނެތި މާލެތެރެއިން މީހަކު ޕޮޒިޓިވްވުމުން މުޖުތަމަޢުގައި ބަލި ފެތުރެނީ ކަމަށް ބެލެވޭ: ޓެގް


މާލެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކުފެނުމުން މިއީ މާލޭގައި ބަލި ފެތުރެމުންދާކަމަށް ބެލެވޭނެ ކަމެއް ކަމުގައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފިއެވެ.

ކޯވިޑް19 އަށް ޕޮޒިޓިވް މީހަކު ވެރިރަށް މާލެއިން ފެނުމާއި ގުޅިގެން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ފަރާތުން ޑރ. އަލީ ލަތީފް ވިދާޅުވީ، ރާއްޖެއިން ކޯވިޑްގެ ފުރަތަމަ ކޭސް ފެނުނުތާ 40 ދުވަސްފަހުން މާލެއިން މިބަލިޖެހިފައިވާ މީހަކު ފެނުމުން މިއީ މާލޭގައި މިބަލި ފެތުރެން ފެށުނީތޯ ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދޭނެކަމަށެވެ.

ޑރ. އަލީ ލަތީފް ވިދާޅުވީ ކޮމިއުނިޓީ ޓްރާންސްމިޝަންއަކީ ކޯވިޑް19 އަށް ޕޮޒިޓިވްމީހަކާއި ސީދާ ގުޅުމެއްނެތި މީހަކު ކޯވިޑް19 އަށް ޕޮޒިޓިވްވުންކަމަށާއި މިހާރު މާލޭގައި މިއޮތީ އެހާލާތުކަމަށް ބެލެވޭކަމަށެވެ. އެެހެންނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލް މައުލޫމާތު ޙިއްސާކުރެވޭނީ މިހާރުކުރިއަށްދާ ކޮންޓެކްޓް ޓްރޭސްކުރުމުގެ މަސައްކަތް ނިމުމުންކަމަށެވެ.

"މިހާހިސާބަށް އަޅުގަނޑުމެން ބެލިއިރުގައި ދޭހަވަނީ މިއީ ކޮމިއުނިޓީ ޓްރާންމިޝަންއެއްކަމުގައި. އެހެން ނަމަވެސް ކޮންޓްރެކްޓް ޓްރޭސިން ހަދައި ނިމުމަށްފަހު، އެހެން އެއްވެސްކަހަލަ މައުލޫމާތެއް އެއާދޭތެރޭގައި ދެވޭނީ" ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

ކޯވިޑް19 ފެނުމަކީ ނުރައްކާތެރިކަމެއްކަން ފާހަގަކުރައްވަމުން ޑރ. އަލީ ލަތީފް ވިދާޅުވީ މިއީ އަރިދަފުން ރޯގާއެއް ނަމަވެސް މިއީ އާދައިގެ ރޯގާއެއްގެ ގޮތުގައި ދެކިގެން ނުވާނެކަމަށެވެ. ކުރިން ކޯވިޑްގެ އެއްވެސް އަލާމާތެއް ނެތްނަމަ އެފަދަ މީހެއްގެ ފަރާތުން އެހެން މީހެއްގެ ގަޔަށް ބަލިނާރާނެކަމަށް ލަފާކުރެވުނުނަމަވެސް އެއްވެސް ކަހަލަ އަލާމާތެއް ނެތްމީހެއްގެފަރާތުންވެސް ބަލިއަރާފާނެކަން މިހާރު އެބަހާމަވަމުންދާކަމަށް ޑރ. އަލީ ލަތީފް ވިދާޅިވިއެވެ.

"ތަކުރާރުކޮށް މިބަލީގެ ވާހަކަދައްކަމުންދާއިރުވެސް އަޅުގަނޑުމެންނަށްއެބަފެނޭ ބަލީގެ ސީރިއަސްކަން އަދިވެސް ނޭނގޭކަން. އަދިވެސް އަޅުގަނޑުމެންނަށް އެބަފެނޭ ވަރަށް ގިނަބަޔަކު މަގުމަތީގައި ހަރަކާތްތެރިވާތަން، ޑިސްޓެންސިންވެސް ނުބަހައްޓައި އެއްވެކަމަކާއި ބުލާ މީހުން އެއްވެއުޅޭތަން ފެނަމުންމިދަނީ" ޑރ. އަލީ ލަތިފް ވިދާޅުވިއެވެ.

ކޯވިޑް19 އަކީ ވަކި ޚާއްސަ ފަރުވާއެއްނެތް ބައްޔަކަށްވުމުން ވީހާވެސް ގިނަބަޔަކަށް މިބަލިން ރައްކާތެރިވެވޭނީ ގޭގައި މަޑުކޮށްގެންކަމުގައި ޓެގްޓީމުގެ ބޭފުޅުންވަނީ ޚާއްސަކޮށް އިލްތިމާސްކުރައްވާފައެވެ.

މިބައްޔަށް ތައްޔާރުވާންފެށިތާ 3 މަސްވެފައިވާއިރު މިކަމަށް ސިއްޙީ މީހުން ތަމްރީނުކުރެވިފައިވާކަމަށާއި، ސިއްޙީ ވަސީލަތްތައްވެސް މިހާރު އިތުރުކުރެވިފައިވުމުން ހުރިހާ ބޭފުޅުންވެސް އެއްބާރުކުންދީގެން އެޗްޕީއޭގެ އެންގުންތަކަށް ތަބާވުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެެންޓަރުންވަނީ އިިލްތިމާސްކުރައްވާފައެވެ.