ޚަބަރު

މިހާރު މާލެއަށް ދަތުރުކުރަމުން އަންނަ އުޅަނދު ފަހަރަށް މާލޭގައި ބަދަރުނުކުރެވޭނެކަން އަންގައފި


މާލެއަށް މިހާރު ދަތުރުކުރަމުން އަންނަ އުޅަނދު ފަހަރު އެހެން މާލެ ކައިރި އެހެން ސަރަހައްދުތަކުގައި ބަނދަރު ކުރުމަށް މޯލްޑިވުސް ޕޮލިސްސާވިސަސް އިން އަންގަވައިފިއެވެ.

ފުލުހުންގެ ފަރާތުން ބޭއްވި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ، މާލެ ސިޓީ 24 ގަޑިއިރަށް ފުރަބަންދު ކުރުމާއި އެކު، މިހާރު މާލެއަށް ދަތުރުކުރަމުން އަންނަ އުޅަނދު ފަހަރަށް މާލެ ހުޅުމާލެ އަދި ވިލިމާލޭގެ ބަނދަރުތަކަށް ނުވަދެވޭނެ ކަމަށެވެ.

އެހެންކަމުން އެފަދަ އުޅަނދު ފަހަރު މާލެ ސަރަހައްދުގެ އެހެން ބަނދަރުތަކަށް ވަނުމަށް ނަވީން އިލްތިމާސްކުރެއްވިއެވެ.

"މާލެއަށް އަންނަން ދަތުރުފަށާފައިވާ އުޅަނދު ފަހަރުވެސް، ކޮންމެހެން އަންނަންޖެހޭ ބޭނުމެއް ނެތްކަމަށް ވަންޏާ، މާލެ ކައިރީގައިވާ ސަރަހައްދަކަށް ޑައިވާޓް ކުރެއްވުމަކީ ވަރަށް މުހިއްމު ކަމެއް. މާލެއަށް މިދަތުރުތައް ނުކުރައްވާ." ނަވީން ވިދާޅުވިއެވެ.

ނަވީން ވިދާޅުވީ، މާލެއިން އެއްވެސް އުޅަނދަކަށް ނުފުރޭނެ ކަމަށާއި، އެހެން ނަމަވެސް މާލެ އިން ހުޅުމާލެ އަދި ވިލިމާލެއަށް ދަތުރުކުރަންޖެހޭ ފަރާތްތަކަށް އެއިންތިޒާމްތައް ހަމަޖައްސާނެ ކަމަށެވެ.
އަދި ކާބޯތަކެއްޗާއި ފެނާއި ގޭސްފަދަ ތަކެތިވެސް ޑެލިވަރީ ކުރުމަށް މިރޭގައި ޚާއްސަ ވަގުތެއް ކަނޑައަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ނަވީން ވިދާޅުވީ، މާލޭގެ ބަނދަރުތަކުން ފުރުންވެސް އޮތީ މަނާކުރެވިފައިކަމަށާއި އެހެން ކަމުން އެކަންވެސް ފުލުހުން ބަލަމުން ގެންދާނެ ކަމަށެވެ. މިގޮތުން މިހާރު ފުރަން ތައްޔާރުވެފައި އޮތް އުޅަނދުތަކުގެ ކަންކަންވެސް ފުލުހުން ބަލާނެ ކަމުގައި ނަވީން ވިދާޅުވިއެވެ.

" މިހާރު އެންމެ މުހިއްމު ކަމެއް ދެވިގެން މިދަނީ ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް. ކޮންޓެކްޓް ޓްރޭސިންގ ހެދުމުގައި މިހުއްޓާލެވިފައި އޮތީ މާލޭގައި އެއްވެސް މޫވްމެންޓެއް ބޭރަށް ކުރުމުގެ ކަންތައްތައް ގުރޭޓާމާލެ އޭރިއާގައި. އެހެންވީމާ އެޗްޕީއޭ އާއި އަޅުގަނޑުމެން ވާހަކަދައްްކާފައި، އެބޯޓުގައި (ފުރަންްތައްޔާރުވެފައި އޮތްބޯޓުތައް) ތިބި މީހުންގެ މައުލޫމާތާއި. ކަންތައްތައް ބެލުމަށް ފަހު ހުއްދަތައް ދެވިގެންދާނެ." ނަވީން ވިދާޅުވިއެވެ.

ނަވީން ވިދާޅުވީ، އަތޮޅުތަކަށް ގެންދިޔުމަށް ބޯޓުތަކަށް ބަރުކުރެވިހުރި ހަލާކުވާ ޒާތުގެ ތަކެތި ފޮޮނުވޭނެ ގޮތެއްގެ އިންތިޒާމްތައްވެސް ހަމަޖެހޭނެކަމަށާއި އެފަދަ ހާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކުން އެކަންކަން ފުލުހުންނަށް އެންގެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މާލެ ސިޓީގެ ސަރަހައްދުތަކުގެ މަގުތަކާއި ބަނދަރުތައް ފުލުހުންދަނީ ޕެޓްރޯލް ކުރަމުންނެވެ.