ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީގޮތުން ބޭނުންވާ ބޭސް ރަނގަޅުމިންވަރަކަށް ރާއްޖޭގައި އެބަހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ކޯވިޑް-19އަށް މާލެއިން ދިވެއްސަކު ޕޮޒިޓިވްވުމާއި ގުޅިގެން ސަރުކާރުން ދެން އަމަލުކުރަން ނިންމަވާފައިވާ ބައެއް ކަންކަމުގެ މައުލޫމާތު ހިއްސާކުރެއްވުމަށް ޤައުމާއި މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުޅި މުޖުތަމަޢުގެ ރައްކާތެރިކަަމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަކީ މުހިއްމުކަމެއްކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހުގެ ސްޓޮލް އެބަހުރިކަމަށާއި، އަދި މި ހާލަތުގައިވެސް ޒަރޫރީބޭނުންތައް ފުއްދޭނެފަދަ ގޮތަކަށް އެކިއެކި އިދާރާތަކުން ރާވާފައިވާކަމަށެވެ.
މިކަމުގައި އަމަލުކުރާނެގޮތް ގުޅުންހުރި އިދާރާތަކުން ހާމަކުރަމުންދާނެކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އާންމުންނަށް ބޭނުންވާ ޒަރޫރީ ޚިދުމަތްތަކާއި، ކާނާގެ ބާވަތްތައް ފޯރުކޮށްދިނުމަށް އެސްޓީއޯއާއި އެހެނިހެން އިދާރާތަކުންދަނީ މަސައްކަތްކުރަމުންނެވެ. އަދި ގޭގެއަށް ތަކެތި ޑެލިވަރ ކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ވިޔަފާރިވެރިންނާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ދަނީ ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ.