ޚަބަރު

ކޯވިޑް-19 : ގެއިން ބޭރުގައި ތިބި އެންމެންވެސް 15:30 ގެ ކުރިން ގެއަށް ވަދޭ - ފުލުހުން


މިވަގުތު ގެއިން ބޭރުގައި ތިބި އެންމެން 15:30 ގެ ކުރިން ގެއަށް ވަނުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.

ފުލުހުން މިކަމަށް އިލްތިމާސްކުރައްވާފައިވަނީ މުޅި މާލެ ސަރަޙައްދު 24 ގަޑިއިރަށް ލޮކްޑައުންކުރުމާއިގުޅިގެންނެވެ. އަދި ކޮމިއުނިޓީ ސްޕްރެޑަކަށް ނުވަތަ ޢާންމުންގެ ތެރެއަށް މި ބަލި ފެތުރިދާނެ ހާލަތަކުން ރައްކާތެރިވުމަށް ފުލުހުން އަޅަމުންގެންދާ ފިޔަވަޅުތަކަށް ޢާންމުންގެ ފަރާތުން ދެމުންދާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

މާލެ ސަރަޙައްދު 24 ގަޑިއިރަށް ލޮކްޑައުންކުރައްވާ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ޢާންމުކުރައްވާފައިވާ ބަޔާނުގައިވެސް ފުލުހުންނަށް ވަނީ އިލްތިމާސްތަކެއް ކުރައްވާފައެވެ.

އެގޮތުން އެޗްޕީއޭގެ ފިޔަވަޅުތައް ތަންފީޛުކުރަމުންދާ ވަގުތަށާއި ޙާލަތަށް ރިޢާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި ޟަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންކަމަށްވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނެރުއްވާފައިވާ ބަޔާނުގައިވެއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ގެއިން ބޭރަށް ނުނިކުތުމަށާއި އިޖުތިމާއީ ގައިދުރުކަން އިޚްތިޔާރު ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ކަމާ ގުޅުންހުރި ފަރާތްތަކުންދޭ އިރުޝާދުތަކަށް އާންމުން ތަބާވުމަށްވެސް އެފަރާތްތަކުން ވަނީ އިލްތިމާސް ކުރައްވާފައެވެ.