ޚަބަރު

މާލެ ސިޓީ 24 ގަޑިއިރަށް "ލޮކްޑައުން" ހާލަތަކަށް ގެނެސްފި


މާލޭގައި ދިރިއުޅޭ ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެން، މާލެ ސިޓީ 24 ގަޑިއިރަށް "ލޮކްޑައުން" ކޮށްފިއެވެ. އެޗްޕީއޭއިން ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ދަނޑިވަޅުގައި އެއްވެސް ވަރަކަށް މަގުމައްޗަށް ނިކުމެ އުޅުމަކީ މަނާ ކަމެއްކަމަށެވެ.

މާލެ ލޮކްޑައުންގެ ހާލަތަށް ގެނެވުނުކަން ހާމަކުރައްވާ އެޗްޕީއޭއިން ޢާންމުކުރި ބަޔާނުގައި ވިދާޅުވީ، ރާއްޖޭގައި ކޮވިޑް.19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް، 12 މާރިޗު 2020 ގައި، މިނިސްޓަރ އޮފް ހެލްތު އިޢުލާނު ކޮށްފައިވާކަމަށެވެ. މިއާއެކު މާލޭގެ އެލަރޓް ލެވެލްވަނީ ރަތަށް ބަދަލުކޮށްފައެވެ.

މި ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މި ބަޔާން ޢާންމުކުރި ވަގުތުން ފެށިގެން ވަކި ގޮތެއް އަންގަންދެން 24 ގަޑިއިރަށް ފިޔަވަޅުތައްކެއް އެޅުމަށް ވަނީ އަންގަވާފައެވެ. އޭގެތެރޭގައި ހިމެނެނީ:

  • މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި ޢާންމު ތަންތަނަށް ނިކުތުން މަނާކުރުން
  • މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީ" ގެ ޚިދުމަތް ހުއްޓައިލުން.
  • މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރައި ފޭބުން ހުއްޓައިލުން.


މި ފިޔަވަޅުތަކުން އިސްތިސްނާވާނެ ފަރާތްތައް:

  • ސިފައިންނާއި ފުލުހުން،
  • ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
  • އެމްބިއުލަންސް
  • ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯސީ) ގެ ފާސް ލިބިފައިވާ ފަރާތްތައް
  • ނެޝަނަލް އެޅެ ޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯސީ) ގެ ފާސް ލިބިފައިވާ މީޑިއާތައް


މި ފިޔަވަޅުތައް ތަންފީޛުކުރުމުގައި ވަގުތަށާއި ޙާލަތަށް ރިޢާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި ޟަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންކަމަށްވެސް ބަޔާނުގައިވެއެވެ.

މި ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާކަމަށާއި،، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް އެންމެހައި ފަރާތްތަކަށް ޑޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސޮއިކުރައްވާ ނެރުއްވި ބަޔާނުގައިވެއެވެ.

މާލެ ލޮކްޑައުންގެ ހާލަތަށް ގެނެސްފައި މިވަނީ މާލެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވެި މީހެއް ފެނުމުންނެވެ. މިހާރު ކުރިއަށްދަނީ އޭނާގެ ކޮންޓްރެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތްތަކެވެ.