 
					
									
			މުޖުތަމައު ތެރޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ގޭގައި ތިބުމަކީ އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ. މިކަމުގައި އެހީތެރިވުމަށް ޒަރޫރީ ބޭނުމެއްގައި ދާންޖެހިގެން ނޫނީ ކޮންމެހެން ބޭރަށް ނުދިއުމަށް ކަމާބެހޭ ފަރާތްތަތަކުންދަނީ އިލްތިމާސްކުރަމުންނެވެ. ސަރުކާރު އޮފީސްތަކާއި ސްކޫލް މަދަރުސާތަކާއި އަމިއްލަ ތަންތަންވެސް ބަންދުކޮށްފައިވާ މިދަނޑިވަޅުގައި ބޭރަށް ދާންޖެހޭ އޮންނާނީ މަދު ކަމެކެވެ. އެއީ ގަންނަން ބޭނުންވާ އެއްޗެއް ގަތުމަށެވެ. 
އާންމުން ގެއިން ބޭރަށް ނުގޮސް މިކަން ކުރުމަށް ބާރުއެޅުމުގެ ގޮތުން ރާއްޖޭގެ ފިހާރަތަކުން ވަނީ އޮންލައިންކޮށް ތަކެތި ގަނެވޭ އިންތިޒާމް ހަމަޖައްސާފައެވެ. އަދި އެކި އެޕްލިކޭޝަންތައް މެދުވެރިކޮށް ތަކެތި ގެއަށް ގެނެވޭ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. މީގެތެރޭގައި ކާބޯތަކެއްޗާއި އެހެނިހެން ތަކެތި ވިއްކާ ފަރާތްތަކާއި، މަސް އަދި ފެން ފޯރުކޮށްދޭ ފަރާތްތައްވެސް ހިމެނެއެވެ. އެގޮތުން މިޚިދުމަތް ފޯރުވައިދޭ ފަރާތްތަކަކީ:-
* ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން - އެސްޓީއޯ
* ފެން ކުންފުނި - އެމްޑަބްލިއުއެސްސީ
* ރެޑް ވޭވް
* ވީބީ
* އިހުސާން ފިހާރަ 
* މިފްކޯ
* ހެޕީމާކެޓް 
* އެންޒިސް މޯލްޑިވްސް
* ސީގަލް ފުޑްސް 
* ޔުނައިޓަޑް ފުޑްސް
  
މީގެއިތުރުން ގިނަ އަދަދެއްގެ އާންމު ތަކެތި ވިއްކާ ކުދި ފިހާރަތަކުންވެސް ގެއަށް ތަކެތި ގަނެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާދީފައެވެ. މިތަންތަނުގެ މައުލޫމަތު ސީޝަލް މީޑިއާގައި ލިބެން ހުރެއެވެ. މިގޮތުން އެކި ތަންތަނުން އޮންލައިންކޮށް ތަކެތި ގަނެވޭ އެޕްލިކޭޝަންތަކަކީ:-
 
* އީޓް ޑޮޓް އެމްވީ،
* ދި މާޓް އެމްވީ،
* ގޯ ކާޓް،
* ދި ކާޓް އެޕް 
 ރެސްޓޯރެންޓްތަކުގެ ކާތަކެތި ބައްލަވާލެއްވުމަށްވެސް ޚާއްސަ އެޕްލިކޭޝަންތައްވަނީ ތަޢާރަފްކޮށްފައެވެ. މީގެތެރޭގައި އަވަސް ފުޑްސް ހުޖް އީޓްސް ހިމެނެއެވެ.
މިދަނޑިވަޅުގައި ބަލްކޮށް ނުވަތަ ބައްކުރާ ގޮތަށް ތަކެތި ނުގަތުމަށާއި އޭގެ ބަދަލުގައި ބޭނުންވާ މިންވަރަށް ހަފްތާ ދެ ހަފްތާއެއް ހާ ދުވަހަށް ތަކެތި ގަތުމަށް ކަމާބެހޭ ފަރާތްތަކުންދަނީ އެދެމުންނެވެ. ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް މަދުނުވާނެ ވަރަށް ކާބޯތަކެތި ލިބޭނެ ކަމުގެ ޔަޤީންކަން ކަމާބެހޭ ފަރާތްތަކުން ދެއްވާފައެވެ.