ސިއްހަތު

"އިންޝާﷲ، ފަހު ނޭވަޔާ ހަމަޔަށް ތިބޭފުޅުންނާއެކު ތިބޭނަން"


ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ރާއްޖޭގެ ޙާލަތު މިވަނީ އެއްދުވަހުން އަނެއްދުވަހަށް ބަދަލުވަމުންނެވެ. ޙާލަތު މިދަނީ އެއްދުވަހުން އަނެއްދުވަހަށް ނުރައްކާވަމުންނެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ޞިއްޙީ މިމުސީބާތުގެ ނުރައްކާ އަދިވެސް އޮތީ ކުރިއަށެވެ. ޙާލަތުގެ ނުރައްކާތެރިކަމުގެ މިންވަރު އިތުރުވަމުންދާ ކަމުގެ އިންޒާރު ޑޮކްޓަރުންނާއި ޞިއްޙީ މާހިރުން އައީ މިހާތަނަށްވެސް ތަކުރާރުކޮށް ދެއްވަމުންނެވެ. މިއިންޒާރުގެ ފުރަތަމަ ޙާލަތު މިއަދު މިވަނީ ރާއްޖެއާ ކުރިމަތިވެފައެވެ.

ރާއްޖެއެއިން ބޭރަށް ދަތުރުކުރިކަމުގެ ރެކޯޑެއްނެތް މާލޭގައި ދިރިއުޅެމުންދިޔަ ދިވެއްސަކު މިވަނީ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. މާނައަކީ މާލެތެރޭގައި މިނުރައްކާތެރި ބަލި މިވަނީ ފެތުރެން ފަށާފައެވެ. މިއީ މިހަޤީޤަތް ހާމަވި ފުރަތަމަ ފަހަރެވެ. ޑޮކްޓަރުންގެ އިންޒާރުގެ ހަޤީޤީ މަންޒަރު ލޯމަތިން މިއޮއް ފެންނަން ފެށީއެވެ.

މާލެއަކީ މުޅި ދުނިޔޭގައިވެސް އޮތް އެންމެ ބައިބޯ މިހާކުޑަ ސިޓީއެވެ. ތޮއްޖެހިގެން އެތައްބަޔަކު ދިރިއުޅޭ ވެރިރަށެވެ. މުޅި ރާއްޖޭގެ ވެރިކަމުގެ ހިންގުމާއި ވިޔަފާރީގެ މަރުކަޒެވެ. މާލޭގެ މުޖުތަމަޢުގައި މިބަލި ފެތުރިގެން ހިނގައްޖެނަމަ މިއީ އަންދާޒާ ކުރެވޭވަރަށްވުރެ ނުރައްކާތެރި، ބިރުވެރި ކަމަކަށް ވާނެއެވެ.

ފެށުނީއްސުރެ އަޅުގަނޑުމެން އެންމެންގެ ފުރާނައިގެ ދިފާޢުގައި މާތްﷲއާ ވަކީލުކޮށްލައިގެން މި ބިރުވެރި ނުރައްކާތެރި މާޙައުލުގައި މަސައްކަތް ކުރަމުން އަންނަނީ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިންނެވެ. އެމީހުން މިއަދުވެސް މިބުނަނީ ހަމަ އެއް ވާހައެކެވެ.

"ބިރުވެރި ޠޫފާން މިއޮތީ ކުރިމަތިވެފައެވެ. ހިތްވަރާއެކު މިޙާލަތާ ކުރިމަތިލާށެވެ. ކަންބޮޑުވެ ހާސްވުމުން އެއްކިބާވާށެވެ. އަޅުގަނޑުމެން މިއަރުވާ އިރުޝާދުތަކަށް ތަބާވެވަޑައިގަންނަވާށެވެ. މާތްﷲ އިރާދަކުރެއްވިއްޔާ އެންމެ ފަހު ނޭވަޔާހަމައަށްވެސް އަޅުގަނޑުމެން ތިބޭނީ ތިބޭފުޅުނާއެކުއެވެ. ތިބޭފުޅުންގެ ފުރާނަ ސަލާމަތްކޮށްދިނުމުގެ މަސައްކަތުގައެވެ. ﷲއަށް ދަންވައި ދުޢާކުރުންމަތީ ދެމިތިބޭށެވެ." މިއީ މިއަދު ރާއްޖޭގެ އެންމެހައި ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިންގެ އިޚްލާސްތެރި މެސެޖެވެ.

މި ޚުޠޫރަތްތެރި ދަނޑިވަޅުގައި އަޅުގަނޑުމެން ޢަމަލުކުރަންވީ ގޮތަކީ މިއީއެވެ. ކުރިމަތިވެފައިމިވާ ޠޫފާނުން ސަލާމަތުގެ އައްސޭރިއަށް ވާޞިލްވެވެންއޮތް ހަމައެކަނި ގޮތަކީ މިވާހަކަތައް އަޑުއަހައި ކިޔަމަންވުމެވެ.