ޚަބަރު

ކޯވިޑް-19 : ވިޔަފާރިތަކުން ޑެލިވަރީގެ ޚިދުމަތަށް އަވަހަށް ރަޖިސްޓަރކުރޭ


މިހާރު ކުރިމަތިވެފައިވާ ހާލަތުގައި މާލެ ފުރަބަންދުކުރަން ޖެހިއްޖެނަމަ ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ރެޖިސްޓަރ ކުރުމަށް ހުޅުވާލައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ވިދާޅުވީ ޑެލިވަރީ ކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެކައުންސިލްގެ " ފަސޭހަ ގުޅުން" ޕޯޓަލްގައި (https://faseyhagulhun.malecity.gov.mv) ރަޖިސްޓްރީކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.

މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވެސް ވަނީ ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން އެއްވެސް ބޭނުމަކަށް ބޭރަށް ނުނުކުތުމަށް އިލްތިމާސްކުރައްވާފައެވެ.

މާލޭ ސިޓީ ކައުންސިލްގެ މި ޕޯޓަލްގައި މިހާތަނަށް 362 ފިހާރައަކުން ވަނީ ރަޖިސްޓަރ ކޮށްފައެވެ. މީގެ ތެރޭގައި މާލޭގެ 334 ފިހާރައަކާއި ވިލިމާލޭގެ 30 ފިހާރައެއްގެ އިތުރުން ހުޅުމާލޭގެ 90 ފިހާރައެއް ހިމެނެއެވެ.

މާލެ ފުރަބަންދުކޮށްފިނަމަ މީގެ ތެރެއިން 269 ފިހާރައަކުން މިފަދަ ހާލަތެއްގައި މުދާ ފޮނުވޭނެކަމަށް އެފިހާރަތަކުން ބުނެފައިވާކަމަށާއި 202 ފިހާރައަކުން އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވާ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މީގެ އިތުރުން ވިލިމާލެއިން 20 ފިހާރައަކުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާއިރު މީގެ ތެރެއިން 17 ފިހާރައަކުން އޮންލައިންކޮށް ފައިސާދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އަދި އެޗްޑީސީން ހުޅުމާލޭގެ ފިހާރަތަކުގެ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދިޔަ ދިރާސާގައި 73 ފިހާރައަކުން ލޮކްޑައުންގެ ހާލަތުގައި ޚިދުމަތް ދިނުމަށް އެއްބަސްވެފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މީގެ ތެރެއިން 63 ފިހާރައަކުން އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމްވެސްވަނީ ހަމަޖެހިފައެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ސަރުކާރުން ވަނީ ކެފޭ ރެސްޓޯރެންޓްތަކަށް ގޮސް ކެއިން ބުއިން މަނާކޮށްފައެވެ. އަދި މިހާރު ވަނީ ޑެލިވަރީގެ ޚިދުމަތްވެސް ވަކި ގަޑިތަކެއްގައި ދިނުމަށް އަންގާފައެވެ. މީގެ އިތުރުން މިދަނޑިވަޅުގައި ވިޔަފާރި ކުރާ ފަރާތްތަކުންވެސް އޮންލައިންކޮށް ފައިސާގެ މުޢާމަލާތް ކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މާލެއިން ކޯވިޑް-19 ޖެހިފައިވާ މީހަކު ފެނުނުކަން އިޢުލާނުކުރުމާއެކު އާންމުންގެ ގިނަ ބަޔަކު ދަނީ މާލެ ފުރަބަންދަކަށް ގޮސްދާނެތީ އެ ހާލަތަށް ތައްޔާރުވުމަށްޓަކައި ގޭގެއަށް ބޭނުންވާ ތަކެތި ގަތުމަށް ފިހާރަތަކަށް އެއްވަމުންނެވެ.

އެގޮތުން އެސްޓީއޯގެ ސުޕަރމާކެޓާއި އާންމު ބައެއް ފިހާރަތަކުގައި ކިއުތައް ހަދާ މަންޒަރު މިހާރު ދަނީ ފެންނަމުންނެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން އަމްރު ވަނީ އެސްޓީއޯ ސުޕަރމާކެޓަށް ތަކެތި ގަންނަން ނުދިއުމަށް އިލްތިމާސްކުރައްވާފައެވެ. އަމްރު ވިދާޅުވީ އެސްޓީއޯއިން ގަންނަ ތަކެތި އާންމުންނާއި ހަމައަށް ޑެލިވަރކޮށްދޭނެކަމަށާއި މި ދަނޑިވަޅުގައި ހުރިހާ ރައްޔިތުންވެސް ގޭގައި ތިބުން މުހިންމު ކަމަށެވެ. އެސްޓީއޯއިންވެސް ވަނީ އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.