ޚަބަރު

ތޮއްޖެހިގެން ތަކެތި ގަންނަން ނުދޭ - ޑެލިވަރީގެ ޚިދުމަތް ހޯދާ


ވިޔަފާރިކުރުމަށް މާލޭގައި ފިހާރަތަކަށް އެންވުމުގެ ބަދަލުގައި މިހާލަތުގައި ޑެލިވަރީގެ ޚިދުމަތް ހޯދުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައިފިއެވެ.

މާލެއިން ކޯވިޑް-19 ޖެހިފައިވާ މީހަކު ފެނުނުކަން އިޢުލާނުކުރުމާއެކު އާންމުންގެ ގިނަ ބަޔަކު ދަނީ މާލެ ފުރަބަންދަކަށް ގޮސްދާނެތީ އެ ހާލަތަށް ތައްޔާރުވުމަށްޓަކައި ގޭގެއަށް ބޭނުންވާ ތަކެތި ގަތުމަށް ފިހާރަތަކަށް އެއްވަމުންނެވެ.

އެގޮތުން އެސްޓީއޯގެ ސުޕަރމާކެޓާއި އާންމު ބައެއް ފިހާރަތަކުގައި ކިއުތައް ހަދާ މަންޒަރު މިހާރު ދަނީ ފެންނަމުންނެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުޙުސެއިން އަމްރު ވަނީ އެސްޓީއޯ ސުޕަރމާކެޓަށް ތަކެތި ގަންނަން ނުދިއުމަށް އިލްތިމާސްކޮށްފައެވެ. އަމްރު ވިދާޅުވީ އެސްޓީއޯއިން ގަންނަ ތަކެތި އާންމުންނާއި ހަމައަށް ޑެލިވަރކޮށްދޭނެކަމަށާއި މި ދަނޑިވަޅުގައި ހުރިހާ ރައްޔިތުންވެސް ގޭގައި ތިބުން މުހިންމު ކަމަށެވެ.

ގޭގައި ތިބެގެން ވިޔަފާރިކުރުމަށް އެސްޓީއޯއިން މިހާރު ވެސް ވަނީ އޮންލައިން ޕްލެޓްފޯމެއް ތަޢާރަފްކޮށްފައެވެ. އެގޮތުން " އީސޓޯރ. އެމްވީ" މެދުވެރިކޮށް މިހާރުވެސް ތަކެތި ގަނެވޭނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.