ޚަބަރު

ކޯވިޑް-19 : އިންސާނީ ޙައްޤުތައް ކަށަވަރު ކުރަންޖެހޭ - އެޗްއާރުސީއެމް


ކޯވިޑް-19ގެ މި ޙާލަތުގައިވެސް ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް
އިންސާނީ ޙައްޤުތައް ދިފާޢުކޮށް ޙިމާޔަތްކުރުމަށްޓަކައި އެންމެހައި ފަރާތްތަކުން މަސައްކަތް ކުރުމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން އިލްތިމާސް ކުރައްވައިފިއެވެ.

އެކޮމިޝަނުން ނެރުއްވި ބަޔާނެއްގައި ވަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އިންސާނީ ޙައްޤުތައް ދިފާޢުކޮށް ޙިމާޔަތްކުރުމަށްޓަކައި މިޙާލަތުގައި ދައުލަތުންނާއި އެންމެހައި ފަރުދުންވެސް މަސައްކަތްކުރުމަށް އިލްތިމާސް ކުރައްވާފައެވެ. ޚާއްޞަކޮށް މުޖުތަމަޢުގައި މިނުރައްކާތެރި ބަލި ފެތުރުނަނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި، މުޅި މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރުކޮށް އަމާން މާޙައުލެއް ޤާއިމުކުރުމަށް ކަމާގުޅުންހުރި އެންމެހާ ފަރާތްތަކުން މަސައްކަތް ކުރުމަށްވެސް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި ކަމާގުޅުންހުރި އިދާރާތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކޮށް ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ފަރުދީ ޒިންމާ ނެންގެވުމަށްވެސް ހިއުމަންރައިޓްސް ކޮމިޝަނުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ސަރުކާރާއި ކަމާ ގުޅުންހުރި އިދާރާތަކުންވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ގެއިން ބޭރަށް ނުނުކުމެ ގޭގައި މަޑުކުރުމަށާއި އިޖުތިމާޢީ ދުރުހެލިކަން ދެމެހެއްޓުމަށް އިސްކަން ދިނުމަށްވެސް އެކޮމިޝަނުންވަނީ ގޮވާލާފައެވެ.

މާލޭގައި ކޯވިޑް-19 ފެތުރޭފަދަ ޙާލަތެއް ދިމާވެއްޖެނަމަ ގޭގައި ތިބެގެން ވިޔަފާރިކުރެވޭނެ ގޮތާއި ރައްޔިތުންނަށް އަސާސީ ޚިދުމަތް ލިބުމުގައި ދަތިނުވާނެ ގޮތަށް ކަންކަން ރާވާފައިވާކަން ސަރުކާރާއި ކަމާ ގުޅުންހުރި ފަރާތްތަކުންވަނީ ރައްޔިތުންނަށް ޔަޤީންކޮށްދެއްވާފައެވެ. އަދި މި ޚުޠޫރަތްތެރި ދަނޑިވަޅުގައި ހަޤީޤަތާ ޚިލާފު މަޢުލޫމާތު ނުފެތުރުމަށްވެސް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.