ޚަބަރު

މިހާރު އެންމެ ބޮޑަށް ބޭނުންވަނީ ރައްޔިތުންގެ އިތުބާރު : އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް


އޭއީއެޗް ނުވަތަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ، އައްޑޫ ރައްޔިތުން ސިއްޙީ ހިދުމަތް ރައްޔިތުންނާއި ގާތުން ލިބުމަށް އެދި އެދި ތިބި ހުވަފެން ހަޤީގަތަކަށް ހަދައިދިން ހޮސްޕިޓަލެވެ. އައްޑުއަށް 2011 ވަނަ އަހަރު ސިޓީއެއްގެ ދަރަޖަ ލިބުނީއްސުރެ ވެސް އަދި އޭގެ ކުރީންވެސް މިސިޓީގެ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ، މާލެ ނުގޮސް ސިއްޙީ ގިނަ ޙިދުމަތްތައް ރަށުގައި ތިބެގެން ލިބޭނެ ގޮތް ވުމެވެ. އެގޮތުން މިހޮސްޕިޓަލުގެ ކާމިޔާބީގެ ސަފުހާތަށް ފެށިގެން އައީ ހޮސްޕިޓަލުގެ މުވައްޒަފުން އިސްކޮށް ހަރަކާތްތެރިވެ، އޮޕަރޭޝަންތަށް ކުރެވެން ފެށުމާއެކުއެވެ.

އެގޮތުން މިހާތަނަށް މިހޮސްޕިޓަލުގައި ޖުމްލަ 6 އޮޕަރޭޝަން ކުރެވިފައިވެއެވެ. އެންމެ ފުރަތަމަ ކާމިޔާބު ބޮޑު އޮޕަރޭޝަނެއް ކޮށްފައި ވަނީ، މިމަހުގެ 9 ވަނަ ދުވަހުއެވެ. އެގޮތުން އުމުރުން 82 އަހަރުގެ މީހެއްގެ އުކުޅުވަޅު ހުޅުގެ އޮޕަރޭޝަނެއް ވަނީ ކާމިޔާބު ކަމާއި އެކު ކޮށްފައެވެ. ދެން އިވިގެން ދިޔައީ މައިބަދައިގެ 2 އޮޕަރޭޝަނެއް ކާމިޔާބު ކަމާއި އެކު ނިންމާލި ވާހަކައެވެ. މިއީ ވެސް ހޮސްޕިޓަލުގެ މުވައްޒަފުން އިސްވެ ތިބެ ކޮށްފައިވާ އޮޕަރޭޝަނެކެވެ.

އޭއީއެޗްގައި ކުރެވުނު އޮޕަރޭޝަންތަކަށް އައިޖީއެމް ހޮސްޕިޓަލުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަން ފާހަގަ ކުރައްވާ އޭއީއެޗްގެ މެނޭޖާރ ޝަރަފުއްސާދާތު ވިދާޅުވީ، މިކަމުގައި ބޮޑަށް ބޭނުންވަނީ ވަކި ޑޮކްޓަރުން ތަކެއް އައްޑޫގައި ތިބުމަށް ވުރެ ބޮޑަށް ޚިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތެއް މަގުފަހިވެފައި އޮތުން ކަމަށެވެ. އަދި މިކަމުގެ ތެރޭގައި އެންމެ މުހިންމު ކަމަކީ ރައްޔިތުން މިކަން ބަލައިގަތުން ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ރައްޔިތުން ބަލައިގަންނަ މިންވަރަކުން މިކަން ކުރިއަށް ގެންދިއުމަށް ރާވަފައ ވާކަމަށެވެ.

" މީގެ ބޮޑަށް ބޭނުންވަނީ ޙިދުމަތެއް ދިނުން. ވަކި އައްޑޫގައި 'ބޭސްވެގެން' ޑޮކްޓަރުން ތަކެއް ތިބުމެއް ނޫން. ރައްޔިތުންނާއި ގާތުން ޙިދުމަތެއް ދެވޭ ގޮތތަށް ދެހޮސްޕިޓަލުގެ (އޭއީއެޗް އަދި އައިޖީއެމްއެޗް) ގުޅުމާއި އެކު ކުރިއަށް ދިއުން. މީގެ އެންމެ ބޮޑު އެއްކަމަކީ ރައްޔިތުން މީތި ބަލައިގަތުން. އަޅުގަނޑުމެންގެ އެދުމަކީ ރައްޔިތުން ބޭނުންވަނީ މިކަން ކިހާވަރަކަށްތޯ ބަލައި، ރައްޔިތުންގެ ބޭނުން ފުއްދައިދެވޭތޯ އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސަތްކަތެއް ކުރުން " ސާދާތު ވިދާޅުވިއެވެ.

އޭއީއެޗްގައި ކުރެވިގެން ދިޔަ ކާމިޔާބު ކަށީގެ އޮޕަރޭޝަންތަކާއި ގުޅިގެން އެކަމުގައި އިސްކޮށް ހަރަކާތްތެރިވި، އެއީއެޗްގެ ކަށީގެ ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު މުންޝިދު ވިދާޅުވީ، އޮޕަރޭޝަންކޮށް ޙިދުމަތް ފުޅާވެގެން ދާއިރު، ބަލިމީހުންގެ އިތުބާރަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ.

" އޮޕަރޭޝަނެއް ކޮށް އިތުރު ޙިދުމަތެއް ފުޅާ ކުރުމަށްޓަކައި ބަލިމީހުންގެ އިތުބާރަކީ ވަރަށް މުހިންމު އެއްޗެއް. އެއިތުބާރު އަޅުގަނޑުމެންނަށް ލިބޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް. އެހެންވީމަ މިކޮޅުގައި މިހިރަ ހޮސްޕިޓަލުގެ ވަސީލަތްތަށް ޤާއިމުކުރެވިގެން ފުރިހަމަވެގެން ނިމޭއިރު، އިރާދަ ކުރެއްވިއްޔާ މާލެއެކޭ އެއްފެންވަރަށް މިކޮޅުގައި ވެސް ޙިދުމަތްތަށް ލިބިގެން ދާނެ. " ޑރ. މުންޝިދު ވިދާޅުވިއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިހާތަނަށް ކަށީގެ 6 އޮޕަރޭޝަނެއް ވަނީކޮށްފައެވެ. އޭއީއެޗް އިން ދެކޭ ގޮތުގައި ހޮސްޕިޓަލުގެ މިފަދަ ޙިދުމަތްތަކަށް ރައްޔިތުން އިތުބާރު ލިބިގެން ދިއުމަކީ ހޮސްޕިޓަލަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.