ޚަބަރު

ބޭރުގެ 4 ޖަމްޢިއްޔާއަކުން ރާއްޖެއަށް ވެންޓިލޭޓަރު ހަދިޔާކުރަނީ


ބޭރުގެ އެކި ފަރާތްތަކުން 28 ވެންޓިލޭޓަރު ރާއްޖެއަށް ހަދިޔާ ކުރާނެކަމުގެ ޔަޤީންކަން ދީފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ނޭޝަނަލް އެމަރަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއަށް ވެންޓިލޭޓަރުތައް ހަދިޔާކުރުމަށް ބޭރުގެ ބައެއް ފަރާތްތަކުން ނިންމާފައިވާކަމަށެވެ. އެގޮތުން ޔުނިސެފުން 3 ވެންޓިލޭޓަރު، ވޯލްޑް ބޭންކުން 18 ވެންޓިލޭޓަރު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީން 4 ވެންޓިލޭޓަރު، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް، އައިޑީބީން 3 ވެންޓިލޭޓަރު ހަދިޔާކުރެއްވުމަށް ނިންމާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19 އާ ގުޅިގެން ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ރާއްޖެއަށް ވެންޓިލޭޓަރުތައް ގެންނަން މިހާރު ވަނީ ބައެއް ފަރާތްތަކާ ހަވާލުވެސްކޮށްފައެވެ. އެގޮތުން އެއްތަނުން އަނެއްތަނަށް ގެންދެވޭ 6 ވެންޓިލޭޓަރާއި 20 އައިސީޔޫ ބެޑް ވެންޓިލޭޓަރު ގެންނަން "ނާޑް" ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މިވެންޓިލޭޓަރުތައް ގެނައުމަށް 8.3 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެ އިތުރުން ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ ޤަވާއިދުގެ ތެރެއިން ގެންނަން ނިންމާފައިވާ 50 ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތްވެސް "މެޑްޓެކް" ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށާއި އެކުންފުންޏަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 14 މިލިއަން ރުފިޔާއަށް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މި ކުންފުނިތަކާއެކު ވެންޓިލޭޓަރުތައް ގެނައުމަށް އެއްބަސްވެފައިވީ ނަމަވެސް މިހާތަނަށް ފައިސާގެ މުޢާމަލާތެއް ހިންގާފައި ނުވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ސަރުކާރުން އަންނަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ މެދުވެރިކޮށް ވެސް ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެ ޖަމްއިއްޔާ މެދުވެރިކޮށް ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން 75 ވެންޓިލޭޓަރު ގެނައުމަށް ނިންމާފައިވާ ކަމަށާއި މިވެންޓިލޭޓަރުތަކަށް 34 މިލިޔަން ރުފިޔާ ޚަރަދުވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެ ތެރޭގައި ހިމެނެނީ އައިސީޔޫގައި ބަހައްޓާ 65 ސްޓޭޝަނަރީ ވެންޓިލޭޓަރާއި، ދަތުރުމަތީގައި ބޭނުންކުރާ 10 ވެންޓިލޭޓަރެވެ. މި ވެންޓިލޭޓަރުތަކަށް ޚަރަދުވާ ފައިސާގެ 75 އިންސައްތަ ދައްކާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19 ގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް މިހާރު ރާއްޖެ ގެންނަން މަސައްކަތްކުރާ 151 ވެންޓިލޭޓަރަށް 56.3 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

ސަރުކާރުގެ އަމާޒަކީ މި ބައްޔަށް ފަރުވާ ދިނުމަށް ޖުމްލަ 200 ވެންޓިލޭޓަރު ގެނައުމެވެ. އެގޮތުން ބާކީ ހުރި ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތް ކުރަމުންދިޔަނަމަވެސް ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ކުރުމާއި ދަތުރުފަތުރުތައް ހުއްޓާލާފައި އޮތުމުން ވެންޓިލޭޓަރު ގެނައުމުގައި އަންނަނީ ލަސްތަކެއްވަމުންނެވެ.